އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީ 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ފައިނަލްގެ އުންމީދު ބޮޑުކޮށްފި އެވެ.
ރަށުން ބޭރުގައި ސިޓީ މޮޅު ކޮށްދޭން ރޭގެ މެޗުގެ ދެވަނަ ހާފުގައި ލަނޑުތައް ޖެހީ އެންޓޮއިން ސެމެންޔޯ އާއި ރަޔާން ޗާކީ އެވެ.
ބޯންމަތު ދޫކޮށް ސިޓީއަށް ބަދަލުވެ، ސެމެންޔޯ މި ވަނީ ކުޅުނު ފުރަތަމަ ދެ މެޗުގައި ގޯލު ޖަހައިފަ އެވެ. ފުރަތަމަ މެޗުގައި އެފްއޭ ކަޕްގައި އެކްސެޓާ ސިޓީއާ ދެކޮޅަށް ވެސް އޭނާ ގޯލެއް ޖެހި އެވެ. ސިޓީ އަށް ދެން އޮތީ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.
މިދިޔަ ސީޒަންގައި ނިއުކާސަލުން ލީގު ކަޕް ކާމިޔާބު ކުރީ ފައިނަލްގައި ލިވަޕޫލް ބަލިކޮށްގެންނެވެ. މި ސީޒަންގެ ކުއާޓާ ފައިނަލުން ޖާގަ ނުލިބި ލިވަޕޫލް ވަނީ ކަޓައިފަ އެވެ.
ސިޓީ އާއި ނިއުކާސަލްގެ އިތުރުން ލީގު ކަޕްގެ ސެމީ ފައިނަލް ކުޅޭނީ އާސެނަލް އާއި ޗެލްސީ އެވެ. ދެ ޓީމު ސެމީގެ ފުރަތަމަ ލެގު މިރޭ ޗެލްސީގެ ދަނޑުގައި ކުޅޭނެ އެވެ.