މި ސީޒަންގެ ނިޔަލަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މައިކަލް ކެރިކް ހަމަޖައްސައިފި އެވެ.

ޔުނައިޓެޑްގައި 2018 ގައި ރިޓަޔާކޮށް، އޭނާ ވަނީ އެކި ހޯޒޭ މޮރީނިއޯ އާއި އޮލެ ގުނަ ސޯލްޝެއާގެ ކޯޗިން ޓީމުގައި މަސައްކަތް ކޮށްފަ އެވެ. ފަހުން ރަލްފް ރަންގްނިކް ޔުނައިޓެޑާ ހަވާލުވަންދެން ކެރިކް ވަނީ ޔުނައިޓެޑްގެ ވަގުތީ ކޯޗުގެ މަގާމު ފުރައިފަ އެވެ. އެ ފަހަރު އޭނާގެ ކޯޗުކަމުގައި ޔުނައިޓެޑް ވަނީ ތިން މެޗު ކުޅެފަ އެވެ.

ތިން މެޗުން ވެސް ޔުނައިޓެޑް ބައްޔެއް ނުވެ އެވެ. ފުރަތަމަ ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް ބަލި ކުރި އިރު، ދެވަނަ މެޗުގައި ވަނީ ލީގުގައި ޗެލްސީއާ އެއްވަރު ކޮށްފަ އެވެ. އަދި ޖެހިގެން އައި މެޗުގައި ވަނީ ލީގުގައި އާސެނަލް ބަލިކޮށްފަ އެވެ.

ޔުނައިޓެޑް ދޫކޮށްލިތާ އަހަރެން ވާން ގާތްވެފައި ވަނިކޮށް 2022 ގައި އޭނާ ވަނީ މިޑްލްސްބަރާއާ ހަވާލުވެފަ އެވެ. އެކަމަކު މިދިޔަ ޖޫން މަހު އޭނާ އަށް ވަނީ މިޑްލްސްބަރާގެ މަގާމު ގެއްލިފަ އެވެ.

އިނގިރޭސި މީޑިއާއިން ރިޕޯޓް ކޮށްފައި ވާގޮތުން ކެރިކް ޔުނައިޓެޑްގެ މަގާމަށް ހަމަޖެއްސީ އެ މަގާމާ ހަވާލުވާން ސޯލްޝެއާ އާ ވެސް ވާހަކަ ދެއްކުމަށް ފަހު އެވެ.

ޔުނައިޓެޑްގެ ކޯޗިުކަމުން ރުބެން އަމޯރިމް ވަކިކޮށް، ކެރިކް ހަވާލުވަންދެން ވަގުތީ ކޯޗަކަށް ހުރީ ވެސް ކުރީގެ ކުޅުންތެރިއެކެވެ. ޑެރެން ފްލެޗާގެ ކޯޗުކަމުގައި ޔުނައިޓެޑް ވަނީ ލީގު މެޗު އެއްވަރުވެ، އެފްއޭކަޕްގައި ބަލިވެގެން ކަޓައިފަ އެވެ.

ކެރިކާ އެކު ޔުނައިޓެޑަށް ފުރަތަމަ އޮތީ ވާދަވެރި މެންޗެސްޓާ ސިޓީއާ އެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި މި މެޗް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.