ހަކުރު އަޅައިގެން ހަދާފައި ހުންނަ ބުއިންތަކާއި ރަލުގެ ބާވަތްތަކުގެ އަގު ނިސްބަތުން އަގު ހެޔޮ ކަމަށާއި އެ ބާވަތްތައް ބޭނުންކުރުން މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން ޓެކްސް ބޮޑުކުރަންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ. 

ހަކުރު އެޅި ބުއިންތަކާއި ރަލަކީ ފަލަ ބައްޔާއި ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި ކެންސަރު އިތުރުވަމުން ދިއުމުގެ މައިގަނޑު ސަބަބެއް ކަމަށާއި އެހެންވެ އެ ބާވަތްތައް ހެޔޮ އަގުގައި ނުވިއްކޭނެ ގޮތެއް ހަދަންޖެހޭ ކަމަށް ޑަބްލިޔުއެޗްއޯ އިން އަބަދުވެސް ބުނަމުން އާދެ އެވެ. 

"ބަލިކަށި ޓެކްސް ނިޒާމުގެ ސަބަބުން، ގެއްލުން ހުރި އުފެއްދުންތައް އަގުހެޔޮކޮށް ވިއްކުމަށް ފުރުސަތު ލިބެމުންދާއިރު، ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ސިއްހީ ނިޒާމުތަކަށް މާލީ ޕްރެޝަރު ވަނީ ވަރަށް ބޮޑުވެފައި،" އދ.ގެ ހެލްތު އޭޖެންސީން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ ސިއްހަތަށް ގެއްލުންދޭ މިފަދަ އުފެއްދުންތައް ވިއްކައިގެން ބިލިއަން ޑޮލަރުން ފައިދާ ހޯދަމުން ދާއިރު ސިއްހީ ދާއިރާއަށް ބޭނުންވާ އާމްދަނީއަށް ލިބެނީ ޓެކްސްގެ އާމްދަނީ ނިސްބަތުން ވަރަށް ކުޑަ އަދަދެއް ކަމަށެވެ. މިކަމުގެ ސަބަބުން މުޖުތަމައުތަކަށް ސިއްހީ ގޮތުން ދިގު މުއްދަތަކަށް ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ބުންޏެވެ. 

"ދުޅަހެޔޮކަން ޕްރޮމޯޓްކޮށް ބަލިތަކުން ރައްކާތެރިކުރުމަށް އޮތް އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ސިއްހީ ނިޒާމަށް ފައިދާވާނެ ގޮތަށް ޓެކްސްގެ ނިޒާމު ބޭނުންކުރުން،" ސިއްހަތު ޖަމިއްޔާގެ ވެރިޔާ ޓެޑްރޮސް އަދަނަމް ގެބްރޭސަސް ނެރުއްވި ބަޔާނުގައިވެ އެވެ. 

"ދުންފަތުގެ ބާވަތްތަކާއި ހަކުރު އެޅި ބުއިންތަކާއި ރަލުން ޓެކްސް ބޮޑުކޮށްގެން، މި ބާވަތްތައް ބޭނުންކުރާ މިންވަރު މަދުކުރުމާ އެކު ސިއްހީ ކަންކަމަށް ހޭދަކުރާނެ ފައިސާ ސަރުކާރުތަކަށް ހޯދޭނެ."

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެޑްރޮސް ވިދާޅުވި ގޮތުގައި މާލީ އެހީތެރިކަން ނުލިބި، ފަގީރު ގައުމުތަކުގައި ދަނީ ސިއްހީ ނިޒާމަށް ގޮންޖެހުންތައް ބޮޑުވަމުންނެވެ.