މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން އޭނާއަކީ ނަފްސާނީ ބަލިމީހެއް ކަމަށާއި ކުރިން ވެސް މީހުން އޭނާ އެކްސްޕްލޮއިޓްކޮށްގެން ކުށްކުރުވި ކަމަށް ބުނެފި އެވެ.
މިމަހުގެ 05 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމެންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށް ވުރެ ގިނަ ޑްރަގާ އެކު މާލެއިން އަތުލައިގަތީ ގދ.މަޑަވެލި، ވަލުތެރޭގެ، މުހައްމަދު އީވާން ހާމިދު، 23، އާއި ހ.ސަކީނާ މަންޒިލް، މުހައްމަދު ރާއިދު އަލީ އަސްޣަރު، 31، އެވެ.
ހައްޔަރުކުރުމަށް ފަހު ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމަން ކްރިިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުން ވެސް ހަފުތާއަކަށް ބަންދުކުރަން އެ ކޯޓުން ފުރަަތަމަ އަމުރުކުރި އެވެ.
އެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ރާއިދުގެ ފަރާތުން ބުނި ކަމަށް ކޯޓު އަމުރުގައި އޮތީ އޭނާއަކީ މަތީ ދަރަޖައަކަށް ނަފުސާނީ ބަލި ހުންނަ މީހެއް ކަމަށާއި އެކަމަށް ރިއާޔަތްކޮށް، ގޭބަންދަށް ނަމަވެސް ދޫކޮށްދޭން އެދޭ ކަމަށެވެ. އޭނާ އަކީ އެކްސްޕްލޮއިޓްކޮށްގެން ކުށްކުރުވަން ކުރިން ވެސް ބޭނުންކޮށްފައިވާ މީހެއް ކަމަށް ވެސް ބުނެފައި ވެ އެވެ.
އެހެން ނަމަވެސް އެ މައްސަލާގައި ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލައި، ބަންދުން ދޫކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށް ނިންމައި، ކޯޓުން އަމުރުކުރީ އޭނާ 30 ދުވަަހަށް ބަންދުގައި ބެހެއްޓުމަށެވެ.
އެ މައްސަލާގައި ހިމެނޭ ދެވަނަ މީހާ ވެސް 30 ދުވަަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.