ރިޔާސީ އިންތިހާބު ނިމި، ގާތްގަނޑަކަށް އޭގެ ހަ މަހެއްހާ ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަ ގޮތަށް ގާނޫނުއަސާސީ ފަރުމާކޮށްފައި މިއޮތީ ކޮން މަގުސަދެއްގައި ހެއްޔެވެ؟ ސަރުކާރުގެ ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އެކުވެދާނެތީ ހެއްޔެވެ؟ ނޫނީ ސަރުކާރު ޖަވާބުދާރީކުރަން ރައްޔިތުންނަށް އިހްތިޔާރެއް ދޭން ހެއްޔެވެ؟
މިއީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުގެ ބަހުސްގައި އެންމެ ގިނައިން ހޯދާނެ ޖަވާބެވެ. ރާއްޖެއެކޭ އެއް ފަދައިން ދެ އިންތިހާބު ބާއްވާ ބައެއް ގައުމުތަކުގެ ތެރޭގައި އެމެރިކާ، ބްރެޒިލް، މެކްސިކޯ އަދި އިންޑޮނީޝިއާ ފަދަ ގައުމުތައް ހިމެނެ އެވެ. އެގޮތަށް އަމަލުކުރާ ގިނަ ގައުމުތަކުގައި ދެ އިންތިހާބު ވަކިން ބާއްވާ މައިގަނޑު ސަބަބެއް ކަމަށް ބަހުސް ކުރެވިފައި އޮތީ، ތިން ބާރު ވަކިވެފައިވާ ނިޒާމެއް ޔަގީން ކުރުމެވެ.
ރާއްޖޭން ވެސް އެކަން އެގޮތަށް ކުރަނީ އެ ވިސްނުމުގައި ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނަސް، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ދެއްކެވީ އެހެން މަންޒަރެކެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެއީ ގާނޫނުއަސާސީ ހެދި ހާއްސަ މަޖިލީހުގެ މެންބަރުން މާބޮޑު ވިސްނުންތަކެއް ކުރިއަށް ނެރުއްވައިގެން ލިޔުއްވި ގޮތެއް ނޫނެވެ. އޭރު ހާއްސަ މަޖިލީހުގެ މެންބަރުންގެ މައިގަނޑު މައުޟޫއަކަށް އޮތީ އޭރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވެރިމަމުން ބޭލުމެވެ.
"އެއްވެސް ހާލެއްގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ލިބިދާނެ ކަމަށް ވިސްނުން ވެސް ނެތް. އަދި ރައީސް މައުމޫން ވެރިކަމުން ފައިބާނެ ކަމަށް ވެސް ވިސްނުމެއް ވެސް ނެތް. އެހެންވީމާ، ރައީސް މައުމޫން ވެރިކަމުގައި ހުންނައިރުގައި ވީހާ ވެސް އުނދަގޫވާނެ ގޮތަށް ގާނޫނުއަސާސީ ފަރުމާކޮށްފައި އެކަމަށް ފޯކަސްކޮށްގެންލީ،" ތޯރިގު ވިދާޅުވި އެވެ.
މި ވާހަކައަށް، ހާއްސަ މަޖިލީހުގައި މެންބަރެއްގެ ގޮތުގައި އިންނެވި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވެސް ބާރު ދެއްވަ އެވެ. މީގެކުރިން "މިހާރު"އަށް މުއިއްޒު ވިދާޅުވެފައިވާ ގޮތުން ގާނޫނުއަސާސީ ހެދިއިރު އިންތިހާބު އެއްކޮށް ބޭއްވުމާއި ވަކިން ބޭއްވުމާ މެދު މާބޮޑު ބަހުސެއްކޮށްފައެއް ނުވެ އެވެ. އޭރުގެ ވިސްނުމަކަށް ވެފައި އޮތީ އަވަހަށް ރިޔާސީ އިންތިހާބެއް ބޭއްވުން ކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.
އެ ވިސްނުމުގައި ފަރުމާކޮށްފައި އޮތް ގާނޫނުއަސާސީއަކުން އިންތިހާބުތައް އެތުރިފައި އޮތް ގޮތުން ތޯރިގު ފާހަގަކުރެއްވި ގޮތުގައި ފެނިގެން ގޮސްފައިވަނީ ސިޔާސީ ހަމަނުޖެހުމެވެ. ފެހި ގާނޫނުއަސާސީގެ ފަހަށް އައި ކޮންމެ ސަރުކާރަކުން ވެސް އެ ހަމަނުޖެހުމުގެ ހަ މަސް ވޭތުކުރަން ޖެހުނު ކަން އޭނާ މިސާލުތަކާ އެކު ދެއްކެވި އެވެ.
އެންމެ ކައިރި މިސާލަކަށް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ހަތަރު މަހު އޭރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އަމަލުކުރި ގޮތެވެ. ތޯރިގު ވިދާޅުވި ގޮތުގައި އެއްވެސް އެކަށީގެންވާ ސަބަބެއް ނެތި، ޖެއްސުން ކުރުމުގެ ގޮތުން މިނިސްޓަރުންނަށް ރުހުން ނުދީ، އެތައް މިނިސްޓަރުންނެއް ގުރުބާންކުރި އެވެ. އަދި ދައުރު ނިމެން ކައިރިވެފައި އޮއްވައި، އެ މަޖިލީހުން އުޅުނީ ރައީސް އަޒުލުކުރަން ކަން ވެސް ތޯރިގު ފާހަގަކުރެއްވި އެވެ.
"މިފަދަ ހާލަތްތައް ދިވެހިރާއްޖެ ތަޖުރިބާކޮށްފައި އޮތީމާ އަދި އިދިކޮޅު ޕާޓީއަކަށްދާ ޕާޓީގައި ތިބޭ ލީޑަރުންގެ ނިންމުންތައް ނިންމާފައި ހުންނަނީ ގައުމީ ވިސްނުމަށްވުރެ ކައިރި ގައުމުތަކުގެ ނުފޫޒާއި އަދިވެސް އެހެނިހެން ނުފޫޒުތައް ވެގެން އެންމެ ފަހުން އަޅުގަނޑުމެން މި މަޖިލީހުން ތަޖުރިބާކުރި ކަންތަކަށް ބަލައިލާއިރުގައި ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކީ ބޭއްވުމަކީ މިހާރު މި ގައުމަށް އެންމެ ފައިދާހުރި ގޮތް،" ތޯރިގު ވިދާޅުވި އެވެ.
އާންމުކޮށް ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ. އެއީ، އެ ނިޒާމުގައި ގައުމު ހިންގަވާ ބޮޑުވަޒީރަކު ވެސް ކަނޑައެޅިގެން ދަނީ މަޖިލިސް އިންތިހާބުގެ ތެރެއިން ކަމަށްވާތީ އެވެ. ބާރުތައް ވަކިވެފައި އޮންނަ ގައުމުތަކުން އިންތިހާބު އެކުގައި ބާއްވާތަން ނުފެންނަނީ އެ މަގުސަދުގައި ކަމަށްވީ ނަމަވެސް، މިފަހުން ރާއްޖޭގެ އިންތިހާބުތަކުގެ ތާރީހުން ދައްކަނީ އެހެން މަންޒަރެކެވެ.
ފެހި ގާނޫނުއަސާސީގެ ދަށުން އެންމެ ފުރަތަމަ 2009 ވަނަ އަހަރު އިންތިހާބުކުރި ރައްޔިތުންގެ މަޖިލީހުގައި އޭރުގެ އެމްޑީޕީގެ ސަރުކާރަށް މެޖޯރިޓީއެއް ނުލިބެ އެވެ. އެކަމަކު، އޭގެ ފަހުން ދެން އައި ތިން އިންތިހާބުގައި ވެސް ސަރުކާރަށް މެޖޯރިޓީ ދިނުމުގެ ޓްރެންޑް ފުޅާވަމުން އައިކަން ނަތީޖާތަކުން ދައްކަ އެވެ. ޕީޕީއެމްގެ ސަރުކާރުން 2014 ވަނަ އަހަރު މަޖިލީހުގެ އެކަށީގެންވާ ވަރުގެ އަޣުލަބިއްޔަތެއް ޔަގީންކުރި އެވެ. އޭގެ ފަހުން އައި އެމްޑީޕީގެ ސަރުކާރުން 2019 ވަނަ އޮތް މަޖިލިސް އިންތިހާބުގައި ސުޕަ މެޖޯރިޓީގެ 65 ގޮނޑި ކާމިޔާބުކުރި އެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީން 67 ގޮނޑި ކާމިޔާބުކޮށް، ސަރުކާރަށް ތާއީދުކުރާ އެހެން ކެންޑިޑޭޓުންނާ އެކު 70 އަށް ވުރެ ގިނަ ގޮނޑި ނެގި އެވެ. ސަރުކާރު ނުވަތަ ޕީއެންސީގައި އެ އޮތީ ސާފު ސުޕަ މެޖޯރިޓީއެކެވެ.
އެހެންވެ، ރައްޔިތުން އަބަދުވެސް ހޮވަން އިސްކަން ދެނީ ސަރުކާރު ހިންގުމަށް އަންނަ ޕާޓީގެ މަޖިލީހެއް ކަން އިންތިހާބުގެ ނަތީޖާތަކުން ސާފެވެ. އެ ހަ މަސް ތެރޭ ސަރުކާރު ޖަވާބުދާރީކުރުވަން އިދިކޮޅު މަޖިލީހެއް ހޮވުމުގެ ރޫހަށްވުރެ އޮންނަނީ އާ ސަރުކާރަށް ފުރުސަތު ދޭން، އެ ސަރުކާރުގެ ހަނީމޫން ޕީރިއަޑް ތެރޭގައި ދައްކާ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ އުއްމީދުގައި މަޖިލީހުގެ ގޮނޑި ވެސް ސަރުކާރާ ހަވާލުކުރުމުގެ ރޫހެވެ.
ސަރުކާރެއްގެ ފުރަތަމަ ހަ މަސް ވެގެންދާނީ އެ ސަރުކާރަށް ތާއީދު އެންމެ ބޮޑަށް އޮންނާނެ ދުވަސްތަކަކަށެވެ. އެހެންކަމުން، އެ މުއްދަތުގައި ސަރުކާރު ޖަވާބުދާރީކުރުވަން ރައްޔިތުން ވޯޓެއް ދީފާނެ ކަމަށް ބެލުން ވާނީ ގޯހަކަށެވެ. އަދި އެ ވަގުތަކީ ބޮޑު އިންތިހާބަކުން ބަލިވެ އިދިކޮޅު ވެސް ނިކަމެތިވެފައި އޮންނަ ވަގުތެކެވެ. އެ ވަގުތުގައި އިންތިހާބުގައި ވާދަކޮށް، އަނެއްކާވެސް ބޮޑު ބައްޔަކުން ބަލިވާތަން ތާރީހުން އޮތީ ފެންނާށެވެ. ބާރުތައް ވަކިކުރުމުގެ ނިޔަތުގައި މި މުއްދަތުގައި ދެ އިންތިހާބު ބާއްވައިގެން ނެރެވޭ އެއްވެސް ނަތީޖާއެއް ނެތެވެ.
ރާއްޖެ ފަދަ ރިޔާސީ ނިޒާމު އޮންނަ އެހެން ބައެއް ގައުމުތަކުން ވެސް މިކަން ތަޖުރިބާ ކުރަމުންދެ އެވެ. އޭގެ އެއް މިސާލަކީ ސީޝެލްސް އެވެ. އެ ގައުމުގައި ރިޔާސީ ނިޒާމެއް އޮތަސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އޮންނަނީ އެއް ދުވަހެއްގަ އެވެ. އެ ގައުމުން ކުރިއަށް އޮތް ފަސް އަހަރަށް ސިޔާސީ ކުރިމަގު ކަނޑައަޅަނީ އެއް ދުވަހެއްގަ އެވެ.
"އަޅުގަނޑުމެންގެ ނިޒާމު އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާ އެއްކޮށް މި އިންތިހާބު ބޭއްވީމާ އެއް ދުވަހާ އަޅުގަނޑުމެންގެ ގައުމުގެ ސިޔާސީ ކުރިމަގު ކަނޑައެޅިގެންދާނެ. އެ ދުވަހަކީ ސިޔާސީ ކުރިމަގު ކުރިއަށް އޮތް ފަސް އަހަރަށް ނިންމާ ދުވަހަކަށްވެގެންދާނެ. ސަބަބަކީ ފަހުން ބާއްވާ މަޖިލިސް އިންތިހާބަކުން މި ސިޔާސީ ކަންތައްތައް ބަދަލުވެގެން ދިއުމުގެ ފުރުސަތު މިހާރު އޮތަތީވެ. މި ދުނިޔޭގެ ބައެއް ގައުމުތަކުގައި މި ނިޒާމު ވަނީ މިހާރު ތަޖުރިބާކޮށްފައި،" މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި އެވެ.
މިހާރު މި އޮންނަ ގޮތަށް ރިޔާސީ އިންތިހާބުގެ ހަ މަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމާ މެދު ރުހޭ އެއްވެސް ޕާޓީއެއް ނެތެވެ. އެއީ އޭގެ ހިއްޗާއި ތަކުލީފު އެއިން ކޮންމެ ޕާޓީއަކުން ވެސް ތަޖުރިބާކޮށްފައި އޮތުމުން ކަމަށް ވެދާނެ އެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުން ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތެވެ. އެކަމަކު، އޭނާގެ މައްޗަށް އެމްޑީޕީގައި މިވަގުތު ބަސް ބުނާނެ އެހެން މީހަކު ނުހުންނާނެ ކަމަށް ވިދާޅުވެ ވަގުތީ ޗެއާޕާސަން އަބްދުއްޣަފޫރު މޫސާ ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ތާއިދު ނުކުރާ ކަން ހާމަކުރައްވައިފަ އެވެ. އެކަމަކު، އޭނާ ވެސް އެއްބަސްވާ އެއް ކަމަކީ، މިހާރު މަޖިލިސް އިންތިހާބު އޮންނަ މުއްދަތު ކަމުނުދާ ކަމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަންވީ ޣަފޫރު ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ ދައުރުގެ މެދު ތެރޭގަ އެވެ. އޭރަށް އެ ލިބެނީ ސަރުކާރު ޖަވާބުދާރީކުރުވަން ރައްޔިތުންނަށް ވަރުގަދަ ފުރުސަތެކެވެ. ގޮތަކަށް ބުނާ ނަމަ، މިޑް-ޓާމް އިލެކްޝަނެކެވެ. ދައުރު މެދަށްދާ ހިސާބުން ސަރުކާރުތަކުން ރައްޔިތުން މަތިން ހަނދާން ނެތި، ދުރަށްދާ ދިޔުމަށް މިކަމުން ހައްލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ވިސްނުމަކީ ވެސް މިއާ އެއްދިމާ ވިސްނުމެކެވެ. އޭނާ ވިދާޅުވީ ޗެކްސް އެންޑް ބެލެންސް ނިޒާމު ވަރުގަދަކޮށް ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، މަޖިލިސް އިންތިހާބު ސްޓެގާކޮށް ދެ ބަޔަކަށް ބަހާލައި، ރިޔާސީ އިންތިހާބާ އެކު ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި އަދި ރިޔާސީ ދައުރުގެ މެދުން މަޖިލީހުގެ އަނެއް ބައި މެންބަރުންގެ އިންތިހާބު ބޭއްވުން ރަނގަޅު ކަމަށް ފެންނަ ކަމަށެވެ. ސަބަބެއް ކަމަށް ފައްޔާޒު ވިދާޅުވީ އެކަމަކީ ސަރުކާރުގެ ޕާފޯމަންސަށް ބަލައި ގޮތް ނިންމުމަށް ރައްޔިތުންނަށް ދެވޭ ފުރުސަތަކަށް ވުމެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިހާރު އޮންނަ ގޮތަށް ހަ މަހުގެ ދެމެދެއްގައި އޮތުމުން ހާސިލްކުރަން ބޭނުންވާ އެއްވެސް ނަތީޖާއެއް ނެތް ކަން، ގިނަ ބަޔަކަށް އެއްބަސްވެވޭއިރު، އެއްބަސްނުވެވޭ އޮތީ އިންތިހާބު ބާއްވަން އެންމެ ރަނގަޅު ގޮތެވެ. މިފަދަ ބަދަލެއް ގެންނަން ޖެހޭނީ ކަމަށް އެކަށީގެންވާ ދިރާސާތައްކޮށް، ދެން އަނެއްކާވެސް ބަދަލު ގެންނަން ނުޖެހޭނެ ގޮތަށެވެ. މިކަމުގައި ރައްޔިތުންގެ ހިޔާލު ވޯޓަށް ދާއިރު، އެ ވޯޓާ ހަމައަށް ދާން ޖެހޭނީ ވެސް ރައްޔިތުން އެވަރަށް ހޭލުންތެރިކޮށްފަ އެވެ. ގާނޫނުއަސާސީ ހެދިއިރު ނެގި ނިޒާމީ ވޯޓު ގޮތަށް ރައްޔިތުން ވާނުވާގައި ބައިތިއްބައިގެން ނަގާ ވޯޓަކަށް ވެގެން ނުވާނެ އެވެ.
ގާނޫނުއަސާސީއަށް މިހާރު ހުށަހަޅާފައި އޮތް އިސްލާހަށް ތާއީދުނުކޮށް، އިހުތިޖާޖު ކުރަން ނިންމާފައިވަނީ ވެސް މިކަމުގައި އެކަށީގެންވާ ދިރާސާތަކާއި މަޝްވަރާ ނެތުމުންނެވެ. ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ ފުޅާ ދާއިރާއެއްގައި އިލްމީ ފެންވަރެއްގައި އަދި ރައްޔިތުންގެ މެދުގައި މިކަމާ ބެހޭ ގޮތުން ބަހުސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މިކަން އަވަސްއަރުވައިގަނެގެން ނިންމަން ނޫޅޭ ކަމަށެވެ.
"އަޅުގަނޑުމެން ގައުމަށް ހަމަޖެހުން އަންނާނެ ފަދަ ކަމަކަށް މިކަން ވާ ކަމަށް ވާނަމަ މި ކަމަށް ފުރުސަތު ނުދޭންވީ އެއްވެސް ސަބަބެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.