ކްރައުން އެންޑް ޗަމްޕާ ކޮމްޕެނީގެ ދަށުން ހިންގާ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ފަށައިފި އެވެ.

އެ ކުންފުންޏަކީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އޯނަރުންނަށް ނިސްބަތްވާ އެންމެ ބޮޑު ކުންފުންޏެވެ. ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގެ ދެ މޭސްތިރިން ކަމަށްވާ މުހައްމަދު މޫސާ (އުއްޗު) އާއި ހުސެއިން އަަފީފުގެ ހިއްސާ އޮންނަ އެ ކުންފުނީގެ ދަށުން 3،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. ކްރައުން ކުންފުނީގެ ޗެއާމަނަކީ ވެސް ހުސެއިން އަފީފެވެ

އެ ކުންފުނިން ކުރިން މުސާރަ ދެމުން އައީ ރުފިޔާއިންނެވެ. މިދިޔަ އަހަރު އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، އާމްދަނީ ޑޮލަރުން ވަންނަ ކުންފުނިތަކަށް މުވައްޒަފުންގެ މުސާރަ ވެސް ޑޮލަރުގެ ދިނުމުގެ ފުރުސަތު އޮވެ އެވެ.

މި ބަދަލު އެގޮތަށް ގެންނަން ނިންމީ، ގާނޫނުތަކާއި ގަވައިދުގެ ތެރެއިން މުވައްޒަފުންނަށް އެންމެ ރަނގަޅު ގޮތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން ރާއްޖޭގެ އޯނަރުންނަށް ނިސްބަތްވާ އެންމެ ބޮޑު އެ ކުންފުނީގެ ދަށުން ހިންގާ 11 ރިސޯޓުގެ ތެރޭގައި ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް، ހުރަވަޅި، ކަގި މޯލްޑިވްސް، ވެލިގަނޑު، ނަލަ މޯލްޑިވްސް، ޖަވަކަރައިގެ އިތުރުން މީރު މޯލްޑިވްސް އާއި ކޮމަންޑޫ އާއި ވިލަމެދޫ އާއި ކުރެއްދޫ އައިލެންޑް އެންޑް ސްޕާ ހިމެނެ އެވެ.