އަންހެން ފުޓްސަލްގެ ތާރީހުގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން 11-1 ން ބަލިވެއްޖެ އެވެ. 

ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާ (ސާފް) އިން ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ފެށީ ރާއްޖެ އާއި އިންޑިއާގެ އަންހެން ޓީމުގެ މެޗުންނެވެ. 

ތައިލެންޑްގައި ކުރިއަށްދާ މުބާރާތުގައި ފުރަތަމަ ދުވަހު ކުރިއަށްދާނީ އަންހެން ޑިވިޝަން މެޗުތަކެވެ. ފިރިހެން ޑިވިޝަނުގެ މެޗުތައް މާދަމާ ފަށާނެ އެވެ. 

އިންޑިއާގެ 11 ލަނޑުގެ ތެރެއިން، ކުޝްބޫ ޝަރޯޖް ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އަދި ރިތިކާ ސިންހް އާއި ސުނާލީ މަންޑަލް އާއި ނިޝްކާ ޕަރްކާޝް، ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ. އިންޑިއާގެ ފުރަތަމަ ލަނޑު ޖެހީ މިތީލާ ރަމާނީ އެވެ. 

ރާއްޖޭގެ އަންހެން ފުޓްސަލްގެ އިންޓަނޭޝަނަލް ފުރަތަމަ މެޗުގައި ޖެހި ރާއްޖޭގެ ލަނޑާ މެދު ދެ ގައުމުގެ ފުޓްބޯޅަ އިދާރާއިން ދެކޭ ގޮތް ތަފާތެވެ. ރާއްޖޭގެ މާރްޔަމް ނޫރާ ފޮނުވާލި ބޯޅަ އިންޑިއާގެ ގޯލަށް ވަނީ އެ ޓީމުގެ ޑިފެންޑަރު އަޗޫމް ޑިޖޯގެ ފައިގައި ޖެހިފަ އެވެ. 

އެފްއޭއެމްގެ ޕޯސްޓްގައި ވަނީ ލަނޑު ކަނޑު ޖެހި ނޫރާ ކަމަށެވެ. އަދި މެޗުގެ ރިޕްލައިން ފެންނަ ގޮތުގައި އަޗޫމްގެ ފައިގައި ބޯޅައިން ޖެހިލީ ކުޑަކުޑަކޮށެވެ. އޭނާގެ ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބަށް ވެސް އަދި ސްޕީޑަކަށް ވެސް ބަދަލެއް ނާދެ އެވެ. 

ފުޓްބޯޅައިގައި އެ ހާލަތުގައި ބަލަނީ ބޯޅަ ފޮނުވާލި ކުޅުންތެރިޔާ ޖެހި ލަނޑެއްގެ ގޮތުގަ އެވެ.

އެކަމަކު އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ކްލޭމް ކޮށްފައި ވަނީ އަޗޫމްގެ އަތުން ބައިކޮޅަށް ވަން ގޯލެއްގެ ގޮތުގަ އެވެ.