މެޑްރިޑް (ޖެނުއަރީ 12) - ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އޮލޮންސޯ، މަގާމުގައި އަހަރެއް ނުވަނީސް ކުލަބް ދޫކޮށްލައިފި އެވެ.

ސްޕެނިޝް ސުޕަ ކަޕްގައި ބާސެލޯނާ އަތުން ބަލިވުމާ ގުޅިގެން ރެއާލުން ވަގުތުން އޭނާ ކޯޗުކަމުން ދުރުކޮށްފައި ވާއިރު، އެ ކުލަބްގެ ބީ ޓީމުގެ ކޯޗު އަލްވަރޯ އާބެލޯއާ ވަނީ ސީނިއާ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ހަމަޖައްސައިފަ އެވެ.

ދެ ފަރާތުގެ އެއްބަސްވުމުގެ ދަށުން އޮލޮންސޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައި، ކޯޗުގެ މަގާމަށް އާބެލޯއާ ހަމަޖައްސާފައިވާކަން ރެއާލް މެޑްރިޑް ވަނީ ރޭ އިއުލާން ކޮށްފަ އެވެ.

ޖަރުމަން ބުންޑެސްލިގާގެ ބެޔާ ލެވަކޫސަންއާ އެކު 2024 ގައި ޑޮމެސްޓިކް ތިން މުބާރާތް ކާމިޔާބުކޮށް، އެ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލަށް ޓީމު ގެންގޮސްދިން ކޯޗު އޮލޮންސޯ ރެއާލް މެޑްރިޑާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހު ރެއާލް މެޑްރިޑާ ހަވާލުވީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެންމެ ހަތް މަހަށް ފަހު، އޭނާ އަށް ވަނީ ކުލަބް ދޫކޮށްލަން ޖެހިފަ އެވެ.

އޮލޮންސޯ.-- ފޮޓޯ: އޭއެފްޕީ
އޮލޮންސޯ.-- ފޮޓޯ: އޭއެފްޕީ

އޮލޮންސޯއާ އެކު، އެންމެ ފުރަތަމަ ރެއާލްގެ މިޝަނަކަށްވީ ފީފާ ކުލަބް ވޯލްޑް ކަޕެވެ. އެ މުބާރާތުގެ ސެމީ ފައިނަލުން ރެއާލް ކަޓައި، ރޭ ވަނީ އާ ސީޒަންގެ ފުރަތަމަ ފައިނަލްގައި ވާދަވެރި ބާސެލޯނާ އަތުން ބަލިވެފަ އެވެ.

މީގެ ކުރިން ވެސް، މި ފައިނަލުން ބަލިވެއްޖެ ނަމަ އޮލޮންސޯ ރެއާލް ދޫކޮށްލާނެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފައި ވެ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ލީގު ބުރުގެ ހަ މެޗުގެ ތެރެއިން އެންމެ ވަރުގަދަ ދެ މެޗު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލާ ވާދަކުރި މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ސްޕެނިޝް ލީގުގައި އެ ޓީމު ދެވަނައިގައި އޮތީ ވާދަވެރި ބާސެލޯނާއަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގަ އެވެ.

އާބެލޯއާ ރެއާލާ އެކު 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
އާބެލޯއާ ރެއާލާ އެކު 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

އޮލޮންސޯގެ އިތުރުން އާބެލޯއާ އަކީ ވެސް ރެއާލްގެ ކުރީގެ ކުޅުންތެރިއެކެވެ. ނަމަވެސް އޮލޮންސޯއާ ހިލާފަށް އާބެލޯއާ އަކީ ރެއާލްގެ އެކަޑަމީން ތަމްރީނުވެގެން އައި ކުޅުންތެރިއެކެވެ. އޭނާ ވަނީ 2009 އިން 2016 އަށް ރެއާލަށް 238 މެޗު ކުޅެދީ، ޓީމާ އެކު އަށް ތަށި ހޯދައިފަ އެވެ.

މީގެ އިތުރުން އާބެލޯއާ އަކީ ސްޕެއިންގެ ރަން ދުވަސްވަރު ގައުމީ ޓީމާ އެކު ދެ ޔޫރޯ އާއި ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިއެކެވެ.