ވޮލީބޯލް އެސޯސިއޭޝަންގެ ކޯޗު ސޮފްވާން އަހުމަދު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ސޮފްވާންގެ މައްސަލައެއް ބަލަމުން އަންނާތީ، މަގާމުގެ ޒިންމާތަކުން މިދިޔަ އަހަރު ވަނީ އެކަހެރި ކޮށްފަ އެވެ.

ވީއޭއެމްގެ އެކްސްކޯ މެންބަރުކަން ވެސް ކުރާ، ސޮފްވާނަށް ކުރަނީ އަންހެން ކުޅުންތެރިޔަކަށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ގުޅުމެއް ހިންގަން އުޅުނު ކަމުގެ ކަމުގެ ތުހުމަތުތަކެއް ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން މިއަދު ބުނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގެ އެތުލީޓުން ތަމްރީނު ކުރުމުގެ ޒިންމާ އޮތް މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފަވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏަސް މައްސަލައިގެ އިތުރު ތަފުސީލެއް ނުދެ އެވެ. އަދި އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސޮފްވާނަށް ކުރާ އެ ތުހުމަތުތަކާ ގުޅިގެން ގައުމީ ޓީމުގެ ކޯޗުގެ މަސްއޫލިއްޔަތު، ވީއޭއެމުން މިހާރު ހަވާލުކޮށްފައި ވަނީ ވޮލީ ލެޖެންޑް އަހުމަދު ނަދީމްއާ އެވެ.