މަރުވެފައިވާ ބައްޕަގެ އަނބި ނުވަތަ ދޮންމަންމަ ވަރިކުރިކަން ސާބިތުކުރަން އެންމެ ފަހުން ސުޕްރީމް ކޯޓަށް ދަރިފުޅު މައްސަލަ ގެންގޮސްފި އެވެ. 

ފެމެލީ ކޯޓަށް މިދިޔަ އަހަރު ހުށަހެޅި އެ މައްސަލަ ފެށުނީ ބަލި އެނދުގައި އޮތް ދުވަސްވީ ބައްޕަ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މަރުވުމުންނެވެ. އެ މީހާ މަރުވުމުގެ ހަތް ދުވަސް ކުރިން ދެ ފިރިހެނުން ހެކިކޮށް ސޮއިކުރި ކަމަށް ބުނާ ލިޔުމެއް އޮތެވެ. އެ ލިޔުމަކީ ބަލިއެނދުގައި އޮތް އެ މީހާގެ އޭރު އަނބި ވަރިކޮށްފައިވާ ކަމަށް ބުނާ ލިޔުމެކެވެ.

ފެމެލީ ކޯޓަށް އޭނާގެ ދަރިފުޅަކު ދިޔައީ އެ ލިޔުމަށް ރިއާޔަތްކޮށް އޭނާގެ ބައްޕަ، އަނބިމީހާ ވަރިކޮށްފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅުމަށެވެ. އެއީ މައްސަލަ ހުށަހެޅި ދަރިފުޅުގެ ދޮންމަންމަ އެވެ. އޭރު މަރުހޫމްގެ ތަރިކައިގެ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދިޔަ އެވެ. އެހެންވެ، އެ މީހާ މަރުވިއިރު އަންބެއް ހުރިކަން ނުވަތަ ނެތްކަން ކަނޑައެޅުން އޮތީ މުހިންމުވެފަ އެވެ.

ފެމެލީ ކޯޓުން އޭރު ކަނޑައެޅީ އެކަމުގައި ނިޔާއެއް ކަނޑައަޅަން ޖެހޭ ސަބަބެއް ނެތަތީ ދައުވާ ފޯމް ބާތިލް ކުރުމަށެވެ. އެހެންވެ ފެމެލީ ކޯޓުގެ އެ ހުކުމް ދަރިފުޅުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. 

މިދިޔަ ޑިސެމްބަރު މަހު ހައި ކޯޓުން އެ މައްސަލާގައި ކުރި ހުކުމުގައި ބުނީ ވަރިކުރުމާއި ވަރިއާ މެދު އޮޅުން އަރާ މައްސަލަތަކުގައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައްގު އޮތީ ކައިވެނީގެ ބައިވެރިންނަށް ކަމަށެވެ.

ވަރި ސާބިތުކުރުމަށް އެކަށީގެންވާ މަސްލަހަތެއް ދަރިފުޅުގެ އޮތް ކަމަށް ވެސް ގަބޫލު ނުކުރެވޭ ކަމަށް ހުކުމްގައިވެ އެވެ. އެއީ މި މައްސަލައިގައި ބުނެވޭ ވަރިއަކީ ރަޖްއީ ވަރިއެއް ކަމަށް ބެލެވޭ ހިނދުގައި ވެސް އިއްދައިގެ މުއްދަތުގައި ތަރިކަ މުތުލަގަށް ލިބޭނެ ކަމަށް އިލްމްވެރިން އިއްތިފާގުވެފައިވުމާއި ބައްޕަ މަރުވެފައިވަނީ ލިޔުމުގައި ސޮއިކުރިތާ ހަތް ދުވަސް ފަހުން ކަމަށްވާތީ، އަންހެން މީހާ ހުންނާނީ އިއްދައިގެ މުއްދަތުގައި ކަމަށްވާތީ އެވެ.

އެހެންވެ، އެ ކޯޓުން ނިންމީ އެ މައްސަލާގައި ހިމާޔަތް ކުރެވޭ މަސްލަހަތަށް ރިއާޔަތްކޮށް، އެ މައްސަލަ ކުރިއަށް ނުގެންދަން ފެމެލީ ކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އިއްވި އެ ހުކުމް ދަރިފުޅުގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް އެ ކޯޓުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.