އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވަން ކޮރަޕްޝަންގެ އަމަލުތައް ހިންގާނަމަ އެކަން ރިޕޯޓްކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެދިއްޖެ އެވެ. 

އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުންނާއި ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން ތާއީދު ހޯދުމުގެ މަސައްކަތް ފޯރިއާ އެކު ކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އެހެންވެ، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ހިންގާ ރިޝްވަތުގެ އަމަލުތަކުން ދުރުވެ، ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް އެންމެން ވެސް ތަބާވާންވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. 

ކޮންމެ އިންތިހާބަކާ ދިމާކޮށް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި ވޯޓު ދިނުމުގެ ހައްގު އަދާކުރުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހިނގާކަން ފާހަގަ ކުރެވޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީން ބުނީ އެފަދަ އަމަލުތައް އިތުރުވަމުން ދިއުމަކީ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލޭ ކަމެއް ކަމަށެވެ. އެހެންވެ، އިންތިހާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ ކޮމިޝަބުން ބުންޏެވެ.

"މިއީ، އަޅުގަނޑުމެންގެ ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމްލަ ގޮތެއްގައި މުޅި މުޖުތަމައަށް ނުހަނު ގެއްލުން ބޮޑު ކަމެކެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގައި އެކަމުގެ ހަގީގީ ބާރުވެރިކަމާއި މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ. 

"މިފަދަ އިންތިހާބުތަކުގެ ބޭނުމަކީ ރައްޔިތުންގެ ފަރާތުން ނިންމުންތައް ނިންމައި އަދި ދާއިރާ އާއި ރަށުގެ ތަރައްގީއަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ ޒިންމާ ހަވާލުކުރާނެ ހަރުދަނާ ގާބިލު ބަޔަކު ކަނޑައެޅިގެން ދިއުމެވެ."

އޭސީސީން ބުނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާ ގޮތަށް އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ. 

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިހާބަށް ކެމްޕެއިން ކުރަމުން އަންނަ ފަރާތްތަކުން އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އަމަލެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ، އެފަދަ ކަމެއް ލަސްނުކޮށް ކޮމިޝަނަށް ރިޕޯޓް ކުރުމަށް ވެސް އޭސީސީން އެދެ އެވެ.

އޭސީސީން ބުނީ ރިޕޯޓްކުރުމުގައި މައްސަލަ ތަފްސީލުކޮށް ބަޔާންކުރުމާއެކު، މައްސަލަ ރައްދުވާ ފަރާތް ނުވަތަ އިދާރާ އަދި މައްސަލަ ހިނގި ނުވަތަ ހިނގަމުންދާ ދުވަސްވަރު ބަޔާންކުރަންވާނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅައިފި ނަމަ، ނުވަތަ އެފަދަ ކަމެއް އެއްވެސް ގޮތަކުން އެ ކޮމިޝަނަށް ފާހަގަކުރެވިއްޖެ ނަމަ، އެކަމެއް އަމިއްލަ ގޮތުން ވެސް ތަހުގީގުކުރާނެ ކަމަށް އޭސީސީގެ ބަޔާނުގައި ބުންޏެވެ.