ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކަށް ލޯކަލް ކައުންސިލްތަކުން ހުރަސްއަޅާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން، އެކަން އިދިކޮޅު އެމްޑީޕީން މިއަދު ކުށްވެރިކޮށްފި އެވެ.
ޕީއެންސީގެ އޮފީސް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ އެތައް ރަށެއްގައި މީގެ ދެ މަސް ނުވަތަ ތިން މަސް ކުރިން ސޮއިކޮށްފައި ހުރި ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅެނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ކަމަށެވެ. ކައުންސިލްގެ އެއްބާރުލުން ނުލިބިގެން ނުފެށި ހުރި މަޝްރޫއުތަކުގެ ތެރޭގައި މިސްކިތް އެޅުމާއި ސްކޫލްތަކާއި ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ވެސް ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
އެ ވާހަކަ ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ އެ ވާހަކައަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަ ނުވެ، ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވައިލަން ދެއްކި ވާހަކައެއް ކަމަށެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ވެރިކަމުގައި ސަރުކާރުން ކައުންސިލްތަކަށް ހޯދައިދިން މާލީ މިނިވަންކަމާ އެކު، ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތަކުގެ އަމިއްލަ އާމްދަނީން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިދިޔަ ދެ އަހަރު ވަނީ ހިންގާފައިވާ ކަމަށެވެ.
އެކަމަކު، މިދިޔަ ދެ އަހަރު ސަރުކާރުން ރަށްފުށު ތަރައްގީއަށް އެދެވޭ ބަދަލެއް ގެނެވިފައި ނުވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުސް ވައުދުތައްވެ، އެ ވައުދުތައް އަލުން އާކުރުން މަތީ ދެމި ތިބީތީ ކަމަށާއި އެކަމުގެ ޒިންމާ ކައުންސިލްތަކުން ނަގަންޖެހޭ ކަމަށް ސަރުކާރުން ރައްޔިތުންނަށް ވިސްނާދިނުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުންޏެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ކުރުން ލާޒިމުކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މަޝްވަރާކޮށް، ފަސް އަހަރު ދުވަހަށް އެކުލަވާލާ ތަރައްގީ ޕްލޭން ތަންފީޒުކޮށް، ހިންގުން ކަމާއި އެ ޕްލޭންތައް ކައުންސިލްތަކުން އެކުލަވާލައި ތަންފީޒު ކުރަމުން ދަނިކޮށް ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް، ތަރައްގީގެ ޕްލޭން ތަންފީޒުކުރުން އެއް އަހަރު ދުވަހަށް މެދުކަނޑާލާފައިވާ ކަން އެމްޑީޕީން ފާހަގަކުރި އެވެ.
"މި ހާލަތުގައި ކައުންސިލްތައް ބޭއްވުމަށްފަހު ކައުންސިލްތަކުން އެކުލަވާލާ ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭނަށް ބެލުމެއް ނެތި ސަރުކާރުގެ ރޭވުމެއް، އަމާޒެއް ނެތް ސިޔާސަތުގެ ތެރެއިން ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި އެތައް މަޝްރޫއުތަކެއްގެ ބިންގާ ދާދިމިދާކަށް ދުވަހު ވަނީ އަޅާފައި. އެ މަޝްރޫއުތައް ހުއްޓިފައި ވަނީ ކައުންސިލްތަކުން ބިންތައް ނުދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އާއްމުކޮށް އިއުލާނުކުރުމަކީ ކައުންސިލްތަކުގެ އަގު ވައްޓާލުން،" އެމްޑީޕީން ބުންޏެވެ.
އަދި ރައީސް އެގޮތަށް ވިދާޅުވުމުގެ ބޭނުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ގާނޫނާއި ގަވާއިދުތައް އެކަހެރިކޮށް އަދި ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި ހަމައެކަނި ރައީސް އޮފީހުން އަންގާ އެންގުންތައް ތަންފީޒު ކުރުމަށް އޮންނަ ތަނެއްގެ ގޮތުގައި ކައުންސިލްތައް ހެދުމަށް ރައީސް އިސްވެ ހުންނަވައި، ރާވާ ރޭވުމެއް ދަށުން ހިނގާ ކަމެއް ކަމަށް ކަމަށް އެމްޑީޕީން ބަޔާނުގައި ބުންޏެވެ.
ކައުންސިލްތަކަކީ އެ ޕާޓީން ބުނި ގޮތުގައި ވަކި ގާނޫނީ ޝަހުސެއްކަމާއި އަމިއްލައަށް ކަންކަން ރާވާ ހިންގޭނެ ގޮތް ގާނޫނުން ކައުންސިލްތަކަށް ވަނީ ފަހި ކޮށްދީފަ އެވެ. ގާނޫނުގެ ފުރިހަމަ ބޭނުން ކައުންސިލްތަކުން ހިފާ ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްގީ ގެނައުމަށް ސަރުކާރުން ހުރަސް ނޭޅުމަށް ގޮވާލާ ކަމަށް ވެސް ބުންޏެވެ.
އަދި ރައްޔިތުން އިތުބާރާއި ތާއީދު ލިބިފައިވާ ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ މަޝްވަރާއެއް ނެތި އެއްވެސް ބަދަލެއް ނުގެނައުމަށް ވެސް ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ.