މި އަހަރުގެ ގޯލްޑެން ގްލޯބްސް އެވޯޑްސްގައި އެންމެ ގިނަ އެވޯޑްތައް އެކްޝަން ތުރިލާ ފިލްމު "ވަން ބެޓުލް އާފްޓާ އެނަދާ" ކާމިޔާބުކޮށްފި އެވެ.
މިއަދު ބޭއްވި މި އަހަރުގެ ގޯލްޑެން ގްލޯބްސް އެވޯޑްސްގައި، ލިއޮނާޑޯ ޑިކެޕްރިއޯ އާއި ޓެޔާނާ ޓޭލާ ލީޑް ރޯލު ކުޅެފައިވާ "ވަން ބެޓުލް އާފްޓާ އެނަދާ"އަށް ވަނީ ހަތަރު އެވޯޑެއް ލިބިފަ އެވެ. އެއީ؛
- މިއުޒިކަލް/ކޮމެޑީ ފިލްމުގެ ކެޓަގަރީން އެންމެ މޮޅު ފިލްމުގެ އެވޯޑް
- އެންމެ މޮޅު ޑައިރެކްޓަރު (ޕޯލް ތޯމަސް އެންޑަސަން)
- އެންމެ މޮޅު ސްކްރީންޕްލޭ (ޕޯލް ތޯމަސް އެންޑަސަން)
- އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް (ޓެޔާނާ ޓޭލާ)
ޑްރާމާ ފިލްމުގެ ކެޓަގަރީން އެންމެ މޮޅު ފިލްމުގެ އެވޯޑް ކާމިޔާބުކުރީ ޕޯލް މެސްކަލް އާއި ޖެސީ ބަކްލީ ލީޑް ރޯލު ކުޅުނު ސައިކޮލޮޖިކަލް ތުރިލާ "ހެމްނެޓް" އެވެ. އެ ފިލްމުން ޖެސީ ބަލްލީއަށް ވަނީ ޑްރާމާ ފިލްމުގެ ކެޓަގަރީން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ވެސް ލިބިފަ އެވެ.
ޓީވީ ސީރީޒްތަކުގެ ކެޓަގަރީން އެންމެ ގިނަ އެވޯޑު ލިބުނީ ނެޓްފްލިކްސްގެ "އެންޑޮލެސެންސް" އަށެވެ. އެއީ؛
- އެންމެ މޮޅު ލިމިޑެޓް ސީރީޒް
- ލިމިޑެޓް ސީރީޒްތަކުގެ އެންމެ މޮޅު އެކްޓަރު (ސްޓީވެން ގްރަހަމް)
- ޓީވީ ސީރީޒްތަކުގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އޯވެން ކޫޕާ)
- ޓީވީ ސީރީޒްތަކުގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އެރިން ޑޫހާޓީ)
މިދިޔަ އަހަރު ނެރުނު ކާމިޔާބު ހޮރޯ ފިލްމު "ސިނާސް" އާއި ކްރައިމް ތުރިލާ "ދަ ސީކްރެޓް އޭޖެންޓް" އާއި އެމިނޭޓެޑް ފިލްމު "ކޭ-ޕޮޕް ޑީމަން ހަންޓާ" އާއި މެޑިކަލް ޑްރާމާ "ދަ ޕިޓް" އަދި ކޮމެޑީ ސީރީޒް "ދަ ސްޓޫޑިއޯ"އަށް، ކޮންމެ އެއްޗަކަށް ދެ އެވޯޑް ލިބިފައިވެ އެވެ.
މިފަހަރު އެންމެ ގިނަ އެވޯޑްތައް ކާމިޔާބުކުރީ ނެޓްފްލިކްސްގެ ފިލްމުތަކާއި ސީރީޒްތަކެވެ. ނެޓްފްލިކްސް އަށް ޖުމްލަ ހަތް އެވޯޑެއް ލިބުނުއިރު، އޭގެ ތެރެއިން ފަސް އެވޯޑަކީ ސީރީޒްތަކަށް އަދި ދެ އެވޯޑަކީ ފިލްމުތަކަށް ލިބުނު އެވޯޑުތަކެވެ.
ދުނިޔޭގެ ފިލްމާއި ސީރީޒްތަކަށް ދޭ ޝަރަފުވެރި އެވޯޑެއް ކަމަށްވާ ގޯލްޑެން ގްލޯބްސްގައި 28 ކެޓަގަރީއަކުން މި އަހަރު އެވޯޑުތައް ދީފައިވެ އެވެ.
މިއީ އެ އެވޯޑު ބޭއްވި 83 ވަނަ އަހަރެވެ.