އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފި އެވެ.
ސިއްހީ ހާލު ގޯސްވެގެން އުމްރާވެރިއަކު އެޑްމިޓްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހެވެ.
އޭރު މިނިސްޓަރު ވިދާޅުވީ އެ މީހާ އެޑްމިޓް ކޮށްގެން ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއިން ކުރަމުން އަންނަ ކަމަށެވެ.
މޯލްޑިވިއަނުން މިއަދު ބުނިގޮތުގައި މިދިޔަ ހޮނިހިރު ދުވަހު މޯލްޑިވިއަންގެ ފްލައިޓެއްގައި އެ މީހާ ވަނީ ރާއްޖެ ގެނެސްފަ އެވެ.
އެޑްމިޓްކޮށްފައި އޮތް އެ އުމްރާވެރިޔާ މާލެ ގެނައީ ފްލައިޓް މަތީގައި ދިމާވެދާނެ ހާލަތަކަށް ތައްޔާރުވެ، ޑޮކްޓަރަކާއި ނަރުހެއް މާލެއިން ފޮނުވައިގެން ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.
ސްކޫލުގެ ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް މިދިޔަ މަހާއި މި މަހުގެ ތެރޭގައި 7،726 މީހުން ރާއްޖެ އިން އުމްރާއަށް ދާނެ ކަަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި ޗުއްޓީގައި އުމްރާއަށް ދިޔަ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ އަލްމަނާސިކްގެ ހަވާލުގައި އުމްރާއަށް ދިޔަ 62 އަހަރުގެ ފިރިހެނަކާއި ސަފާ ގުރޫޕާއި ހިޖާޒް ގްރޫޕް އިން އުމްރާއަށް ދިޔަ ދެ ފިރިހެނުންނެވެ.