ދައުލަތުގެ މަސްކުންފުނި، މިފްކޯ އިން ކުދި ކަންނެލި ގަންނަން ފެށުމަކީ ރަނގަޅު ފެށުމެއް ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން މިއަދު ބުނެފި އެވެ.

އެ ޔޫނިއަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ކުދި އަދި ރިޖެކްޓު ކަންނެލި މިފްކޯ އަށް ގަތުމަކީ ރަނގަޅު ފެށުމަކަށް ވިއަސް މަޝްވަރާކުރި އަގުގައި ރިޔާސީ ވައުދާ އެއްގޮތަށް މިފްކޯއަށް ބޮޑު ކަންނެލި ވީހާ ވެސް އަވަހަކަށް ގަންނަން ފެށުމަށް ވެސް ގޮވައިލި އެވެ.

ހުއްޓާލާފައި އޮތް ކަނޑުއޮތްގިރި އަލުން އޮޕަރޭޝަނަށް ގެނެސް، 15 ކިލޯ އަށް ވުރެ ބަރު ކަންނެލި ގަންނަން ފެށީ އިއްޔެ އެވެ.

އެ ތަނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ހެޔޮ އެދިގެން ކަމެއް ކުރާ ނަމަ ސަރުކާރުން މަސައްކަތް ކުރާނީ އެންމެ ރަނގަޅަށް ކަންތައް ކޮށްދިނުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ މަސްވެރިކަމަކީ ގިނަ އާއިލާތަކުން ބައިވެރިވާ ކަމެއް ކަމަށާއި އެ މީހުންނަށް ނިކަމެތިކަމެއް ލިބޭ ނަމަ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވި ގޮތުގައި 25ރ. ގެ ރޭޓުން މާލެ ސަރަހައްދުން ކަންނެލި ގަންނާނެ ކަމަށެވެ. އޭގެ އިތުރުން ކަނޑުމަސް ވެސް ގަންނާނެ ކަމަށް ފަރުހަތު ވިދާޅުވި އެވެ.

"މިއީ ފެށުމެއް. ކުރިއަށް އޮތް ތަނުގައި މި ކޮޅުގައި އަޅުގަނޑުމެންގެ ކޯލްޑް ސްޓޯރޭޖާއި އަދި އައިސް ލިބުމުގެ ހިދުމަތާއި މަސްވެރިންނަށް ތެޔޮ ދިނުމުގެ ހިދުމަތް ވަރަށް އަވަހަށް، އިންޝާﷲ އަޅުގަނޑުމެން ގާއިމްކުރާނަން،" ކަނޑުއޮތްގިރީގައި ހުންނަވައިގެން މީޑިއާއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެން ސަރުކާރުން އެ ނިންމި ނިންމުމާ ގުޅޭގޮތުން ހިދުމަތް ދިނުމަށް މި ކަނޑުއޮތްގިރި ފެސިލިޓީ ބޭނުންކޮށްގެން."