އީރާންގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންގެ ދިފާއުގައި، އެމެރިކާއިން އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ވިސްނަމުންދާކަން، ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފި އެވެ.

އީރާންގައި ތަކެތީ އަގު އިންތިހާއަށް ބޮޑުވެ، ރިއާލްގެ އަގު ދަށްވުމާ ދެކޮޅަށް ވިޔަފާރިވެރިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށި މުޒާހަރާތައް މިހާރު ވަނީ އެކި ސަރަހައްދުތަކަށް ފެތުރިފަ އެވެ.

އެ މުޒާހަރާތަކުގެ ތެރޭގައި އާންމުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތައް ހިނގައި، އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ވެހިކަލްތަކާއި ބައެއް އިމާރާތްތަކުގައި ހުޅުޖަހައި، ބޮޑެތި ގެއްލުންތައް ވެސް ދީފަ އެވެ.

އެ ކުރިމަތިލުންތަކުގައި، ސަލާމަތީ ބާރުތަކުގެ 109 މީހަކު މަރުވެފައިވާކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފަ އެވެ.

އާންމުންގެ ތެރެއިން މަރުވި މީހުންގެ އަދަދެއް ރަސްމީކޮށް ހާމަކޮށްފައިނުވިޔަސް، އެ އަދަދު 100 އަށް ވުރެ މަތިވާނެކަމަށް އަމިއްލަ ބައެއް ޖަމާއަތްތަކުން ލަފާކުރެ އެވެ. 

މުޒާހަރާތަކުގައި އާންމުންގެ މީހުން މެރުމާ ދެކޮޅަށް އެމެރިކާއިން ތެދުވާނެކަމުގެ އިންޒާރު ޓްރަމްޕް މީގެކުރިން ވަނީ ތަކުރާރުކޮށް ދެއްވައިފަ އެވެ.

އެކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޓްރަމްޕް އިއްޔެ ވިދާޅުވީ، އީރާންގެ ހާލަތު ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ. 

އަދި އަސްކަރީ ގޮތުން އެޅޭނެ "ވަރުގަދަ ފިޔަވަޅު"ތަކާ މެދު މަޝްވަރާ ކުރެވެމުންދާ ކަމަށާއި، އެކަމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާންގެ ސަރުކާރުން ވަނީ މިކަމުގައި އެމެރިކާ އާއެކު މަޝްވަރާކުރަން އެދިފަ އެވެ.

ނަމަވެސް، އެފަދަ ބައްދަލުވުމެއްގެ ކުރިން، އެމެރިކާއިން ފިޔަވަޅުތަކެއް އަޅަންޖެހިދާނެކަމުގެ އިންޒާރު ވެސް ޓްރަމްޕް އިއްޔެ ދެއްވި އެވެ.

މުޒާހަރާތައް ފެތުރުން ކޮންޓްރޯލްކުރަން، އީރާންގެ ބޮޑު ސަރަހައްދަކުން މިހާރު ވަނީ އިންޓަނެޓުގެ ހިދުމަތް ވެސް ކަނޑާލައިފަ އެވެ.

އަދި އެމެރިކާއިން ހަމަލާދީފިނަމަ، ވަރުގަދަ ރައްދެއް ދޭން ތައްޔާރުކަމަށް އީރާންގެ ސަރުކާރުގެ އިސް ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އީރާނާއި އިޒްރޭލާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރެއަށް އެމެރިކާއިން ވަދެ، ވަނީ އީރާންގެ ނިއުކްލިޔާ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފަ އެވެ.