ހޮލީވުޑްގެ އެކްޓަރު ރިޒް އަހްމަދު، އޭނާގެ އަންހެނުން އަދި އެމެރިކާގެ ވާހަކަ ލިޔުންތެރިޔާ ފާތިމާ ފަރްހީން މިރްޒާއާ އެކު އުމްރާގެ އަޅުކަން އަދާކޮށްފި އެވެ. 

ހޮލީވުޑްގެ އެންމެ ފަހުރުވެރި އޮސްކާ އެވޯޑާއި އެމީ އެވޯޑާއި ގޯލްޑެން ގްލޯބް އެވޯޑް އަދި ބާފްޓާ އެވޯޑް ވެސް ކާމިޔާބުކޮށްފައި ރިޒް، 43، ވަނީ އޭނާގެ އުމްރާ ދަތުރުގެ ތަޖުރިބާ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް މިދިޔަ ހުކުރު ދުވަހު ހިއްސާކޮށްފަ އެވެ. 

އެ ދެމަފިރިން މައްކާގެ ހަރަމްފުޅާއި މަދީނާގެ މަސްޖިދުއް ނަބަވީގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް އެ ޕޯސްޓުގައި ހިމަނާފައިވެ އެވެ.  

އެ ޕޯސްޓުގައި ރިޒް ބުނި ގޮތުގައި، މިދިޔަ އަހަރު ނިމުނީ ހީވެސް ނުކުރާ ފަދަ ދަތުރަކުންނެވެ. އެއީ ޖިއްދާ، މައްކާ އަދި މަދީނާއަށް އެ ދެމަފިރިން ކުރި ދަތުރާ އެކު އެވެ.

"ގާތްގަނޑަކަށް 20 އަހަރު ފަހުން ކުރި މި ދަތުރުން އުންމީދު ކުރާނެ އެއްޗެއް އަހަންނަށް ނޭނގުނު. ގިނަ ދުވަސްތަކެއް ވަންދެން އަހަރެންގެ ދީނާ ދުރުވެފައިވާ ކަމުގެ އިހުސާސް ކުރެވިފައި ވާތީ، ކަމަކަށް އުންމީދު ކުރަން ވެސް އަހަރެން ހުރީ ކުޑަކޮށް ބިރުގެންފައި،" އިނގިރޭސިވިލާތުގެ ލަންޑަނަށް އުފަން ރިޒް ބުންޏެވެ. 

ނަމަވެސް، އެއީ ބަޔާންކުރަން ދަތި، ހަޔާތް ބަދަލުކޮށްލި، އަދި ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނު ދަތުރެއް ކަމަށް ރިޒް ބުންޏެވެ.

ރިޒް ބުނީ އެ ދަތުރު ފަހިކޮށްދިން އެންމެނަށާއި އޭނާގެ އުމްރާ ޓީމަށާއި މައިންބަފައިންނަށާއި ރެޑް ސީ ފިލްމް ފެސްޓިވަލްގެ މެހެމާންދާރީއަށް އަދި ވަކިން ހާއްސަކޮށް ރިޒްވާންއަށް ޝުކުރުވެރިވާ ކަމަށެވެ. 

އުމްރާ ދަތުރުގައި އޭނާގެ ޑައިރީގައި ލިޔުނު ބައެއް ވާހަކަތައް ވެސް ރިޒްގެ ޕޯސްޓުގައި ހިމަނާފައިވެ އެވެ.

"އަހަރެން ހިނގަމުން ދިޔައީ އިސްދަށަށް ޖަހައިގެން. ހުދު މުށިގަނޑުގެ ތެރެއިން ކަޅު ކުލައިގެ ހިޔަންޏެއް ފެނުނު ނަމަވެސް، އަހަރެން އަވަހަށް އިސްދަށަށް ޖެހިން. ބޭނުންވީ ކައުބަތުﷲ ގެފުޅުގެ ފުރިހަމަ މަންޒަރު އެންމެ ފުރަތަމަ އަށް ފެންނާނެ ވަގުތަށްޓަކާ ކެތްތެރިވެލަން،" ރިޒް އޭނާގެ ޑައިރީގައި ލިޔުނެވެ. 

ރިޒް ބުނީ ގެފުޅު އެންމެ ފުރިހަމައަށް ފެންނާނެ ވަގުތަށް ކެތްތެރިވާން، އެ ދެމަފިރިންނާ އެކު، އެ ދަތުރުގައި ބައިވެރިވި އޭނާގެ އެކުވެރިން ވެސް އެހީތެރިވި ކަމަށެވެ.

"ގެފުޅު ފުރިހަމައަށް ފެންނަން ދެން އިސްދަށަށް ޖަހައިގެން ހިނގަން އެމީހުން އެހީވި. 'ތިރިއަށް ބަލައިގެން ހިނގާ، އަދި ނުބަލާ'، އެމީހުން ބުނަމުން ދިޔަ. އެންމެ ފަހުން ތިރިއަށް ފޭބުމުން، 'އޯކޭ، މިހާރު ބަލާލަންވީ' އޭ ބުނި ވަގުތު، ކުރެެވުނީ ދުލުން ބަޔާންކުރަން ނޭނގޭ ކަހަލަ އިހުސާސްތަކެއް،" ރިޒް ބުންޏެވެ. 

ރިޒް ބުނީ އެއީ ހަގީގަތުގައި ވެސް ހައިބަތު ހުރި، ރީތި، ފުރިހަމަ އަދި އަޖައިބުކުރަނިވި މަންޒަރެއް ކަމަށެވެ.

"އަލްހަމްދުﷲ،" އޭނާ ބުންޏެވެ. 

ޕާކިސްތާނުގެ ދެމަފިރިންނަށް ލިބުނު ރިޒްއަކީ އެކްޓުކުރުމުގެ އިތުރުން މިއުޒިކީ ދާއިރާއިން ވެސް ކާމިޔާބު ފަންނާނެކެވެ.