ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީކައުންސިލްގެ މައްޗަންގޮޅި އުތުރު ދާއިރާއަށް ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ޕްރައިމަރީ ފިލްމީ ތަރި ޔޫސުފް ޝަފީއު ޔޫއްޕެއަށް އެންމެ ވޯޓެއްގެ ތަފާތުން ނާކާމިޔާބުވެއްޖެ އެވެ.

އެ ޕްރައިމަރީ ޔޫއްޕެއަށް ނާކާމިޔާބުވިކަން ކަށަވަރުވީ ޑިސެމްބަރު 27 ގައި ވޯޓުލީ އިރު ހިނގި ހަމަނުޖެހުމަކާ ގުޅިގެން ނަތީޖާ އިއުލާން ނުކޮށް އެ މައްސަލަ ބެލުމަށް ފަހު މިއަދެވެ. އެ ދާއިރާގެ ޓިކެޓް ކާމިޔާބުކުރެއްވީ 58 ވޯޓުން އާދަމް އަދީމެވެ. ޔޫއްޕެއަށް ލިބުނީ 57 ވޯޓެވެ.

އެ ދާއިރާގެ ވޯޓު އަލުން ގުނީ ވޯޓުލުމުގެ ހައްގު އޮތް މީހުންނަށް ވުރެ އިތުރަށް ވޯޓުލީ ކަމަށް ތުހުމަތުކޮށް ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ ބަލައި ވޯޓު އަލުން ގުނިއިރު އެ ދާއިރާގެ ފޮއްޓަށް އިތުރު އެންމެ ވޯޓެއް ވެސް ނުލަ އެވެ.  

ޕީއެންސީގެ ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 މީހުންނެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.

އިދިކޮޅު އެމްޑީޕީން ވެސް އަންނަނީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ މި މަހުގެ 16 ގައި ބާއްވަން ތައްޔާރުވަމުންނެވެ. އެ ޕާޓީގެ ޕްރައިމަރީގައި 125 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.