ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ބްރާންޗުތައް ގާއިމްކުރަން ބިންގާ އަޅާފައިވާ ރަށްތަކާއި ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމާފައިވާ ރަށްތަކުގައި އަންނަ މާޗު މަހުގެ ނިޔަލަށް މަސައްކަތް ނިންމާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

"މިހާރު"ން ކުރި ސުވާލަކަަށް ޖަވާބު ދެއްވަމުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ޑޮލަރު އޭޓީއެމް ބަހައްޓަން ކަނޑައަޅާފައިވާ ރަށްތަކާއި ބްރާންޗެއް ގާއިމްކުރަން ބިންގާ އަޅާފައިވާ ހުރިހާ ރަށެއްގައި އަންނަ މާޗު މަހުގެ ނިޔަލަށް މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ. 

އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޑރ. މުަހައްމަދު މުއިއްޒު ކުރެއްވި ދަތުރުތަކުގައި ބީއެމްއެލްގެ ބްރާންޗުތައް ގާއިމްކުރަން ބައެއް ރަށްރަށުގައި ބިންގާ އެޅި އެވެ.

އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓަން ހިންގި މަޝްރޫއުގައި 105 ރަށުގައި އެ ހިދުމަތް ފެށި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު، ބީއެމްއެލުން 20 އަތޮޅުގައި 42 ބްރާންޗް، 190 ސެލްފްސާވިސް ބޭންކިން ސެންޓަރު، 248 އޭޓީއެމްގެ އިތުރުން އޮންލައިން ބޭންކިންގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.