ދިރާގުން މިދިޔަ އަހަރު ފެށި އެންމެ ބޮޑު ޕްރޮމޯޝަން ކަމަށްވާ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް"ގެ ފުރަތަމަ ނަސީބުވެރިޔާގެ ގުރުއަތު ނެގުން އަންނަ ހުކުރު ދުވަހު އޮންނާނެ ކަމަަށް ދިރާގުން ބުނެފި އެވެ.
އެ ގުރުއަތުލުން އޮންނާނީ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި ޕްރޮމޯޝަނުގައި ދެނީ އަލްޝާލީ މެރިން އިން ދޭ ކެނެރީ 28 މޮޑެލްގެ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނު އެޅި ސްޕޯޓްސް ސްޕީޑް ލޯންޗެކެވެ.
އެއީ މަސްވެރިކަމާއި ކުރު ދަތުރުތަކާއި އެކި އެކްސްކާޝަންތަކުގައި ބޭނުން ކުރެވޭނެ ލޯންޗެކެވެ.
އެ ޕްރޮމޯޝަންގެ ފުރަތަމަ ލޯންޗު ހޯދުމުގެ ވަގުތު މިހާރު ހަމަވެފައި ވީނަމަވެސް، ޕްރޮމޯޝަންގައި ދޭ ދެވަނަ ލޯންޗު ހޯދުމަށް އަންނަ މާޗް މަހުގެ ނިޔަލަށް އެންރޯލް ކުރެވޭނެ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ.
އެ ޕްރޮމޯޝަނުގައި ދިރާގާ އަލަށް ގުޅި އެ ޕެކޭޖުތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
އެ ޕްރޮމޯޝަނަށް ދިރާގު ޕޭއަށް ރަޖިސްޓްރީކޮށްގެން ބައިވެރިވާ ކަސްޓަމަރުންނަށް ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރު ކުރެވޭނެ އެވެ.
އެ ޕްރޮމޯޝަނަށް ރަޖިސްޓްރީކުރެވޭނީ، ދިރާގުން އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލްއިންނެވެ.