ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މިއީ، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އެވެ. މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުން ވެސް އޮންނާނެ އެވެ.
އެ ޖަލްސާގައި އިއްވަވާނީ އެމަނިކުފާނުގެ ތިން ވަނަ ރިޔާސީ ބަޔާނެވެ.
އަންނަ މަހުގެ ފުރަތަމަ ހަފުތާގައި މަޖިލީސް ރަސްމީކޮށް ހުޅުވަން ނިންމާފައިވީ ނަމަވެސް އޭގެ ކުރިން ދައުރުން ބޭރުގެ ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށް ބެލެވެ އެވެ.
މިހާރު ޗުއްޓީގައި އޮތް މަޖިލީހުގެ ދެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވާފައިވާއިރު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް އިސްލާހު ވަނީ ހުށަހަޅައިފަ އެވެ. އެ އިސްލާހުގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ.
އިސްލާހުގެ ބިލުގެ ކޮމިޓީ މަރުހަލާ ނިމުމާ އެކު، ދައުރުން ބޭރު ޖަލްސާއެއް ބާއްވާނެ ކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހާމަކުރައްވައިފަ އެވެ.