ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމާ ބެހޭގޮތުން "ދިޔަރެސް" ނޫހުގައި ޝާއިއުކުރި ޚަބަރެއްގެ ސަބަބުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދަން އެ ނޫހާއި ނޫހުގެ އެޑިޓަރު ހީނާ ވަލީދުގެ މައްޗަށް ކުރި ދައުވާ ދަށު ކޯޓުން ނާކާމިބާވުމުން، އެ މައްސަލަ ހައި ކޯޓުގައި ސަލީމްގެ ފަރާތުން އިސްތިއުނާފުކޮށްފި އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުގައި ސަލީމް ދައުވާ ކުރެއްވީ ސޯޝަލް މީޑިއާގައި އާންމުވި ބަދުއަހުލާގީ ވީޑިއޯއެއްގައި ހިމެނޭ އެކަކީ ސަލީމް ކަމަށް ބެލެވޭ ކަމަށް، ދިޔަރެސްގައި ޖޫން 25، 2022 ގައި ޝާއިއުކުރި ޚަބަރެއްގައި ބުނެފައިވާތީ އެވެ.
ސިވިލް ކޯޓުގައި ކުރެއްވި ދައުވާގައި ސަލީމް އެދިވަޑައިގަތީ އެ ޚަބަރުގެ ސަބަބުން އަބުރަށް ހުތުރުވި ކަމަށް ކަނޑައަޅައިދިނުމަށާއި އެކަމުގެ މާއްދީ ބަދަލުގެ ގޮތުގައި 5،000ރ. އާއި މައުނަވީ ގެއްލުމުގެ ބަދަލަށް 10 މިލިއަން ރުފިޔާ އަދި ގާނޫނީ ވަކީލުގެ ފީއަށް 50،000ރ. ނަގައިދިނުމަށެވެ.
އެކަމަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން އެ މައްސަލާގައި ކުރި ހުކުމްގައި ވަނީ އެ ނޫހާއި ނޫހުގެ އެޑިޓަރު އަދި ރައީސް އޮފީހުގެ ތަރުޖަމާނުކަމާއި އެންސްޕާގެ ސީއީއޯގެ މަގާމު މިހާރު ފުރުއްވާ ހީނާގެ މައްޗަށް ދައުވާ ކުރިއިރު، ދައުވާ ކުރުމުގެ ހައްގު ސަލީމް ދޫކޮށްލާފައި އޮތުމުން ދައުވާ ސާބިތުނުވާ ކަމަށެވެ.
އަދި އެ މައްސަލާގައި ހީނާ އާއި ދިޔަރެސް އަށް ޝަރީއަތުގެ ހަރަދުގެ ގޮތުގައި 15،000ރ. ދައްކަން ސަލީމްގެ މައްޗަށް ހުކުމް ކޮށްފައިވެ އެވެ.
އެހެންވެ، ސަލީމްގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގައި ހުށަހަޅާފައިވިޔަސް އެ މައްސަލަ ބަލައިގަތުމާ މެދު އަދި ކޯޓުން ގޮތެއް ނުނިންމަ އެވެ.
ހީނާ އާއި ދިޔަރެސްއާ ދެކޮޅަށް ސަލީމް އެ ދައުވާ ކުުރުމުގެ ކުރިން ވަނީ އޭރުގެ މީޑިއާ ކައުންސިލަށް އެ ޝަކުވާ ހުށަހަޅުއްވައިފަ އެވެ.
މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާ ފޯމުގައި އެ މައްސަލައަކާ ބެހޭ އެހެން ދައުވާތަކުގެ ހައްގު ދޫކޮށްލަން އިގުރާރުވެ، ސޮއިކުރަން ޖެހެ އެވެ. ސަލީމް އޭގައި ސޮއިކުރައްވާފައި އޮތުމުން، ދައުވާލިބޭ ފަރާތްތަކުން ދިފާއުގައި އެކަން ފާހަގަކޮށްފައި ވެ އެވެ.