ގަރުނެއްގެ ކުރީގެ ހަނދާންތައް ފެންނަން ހުރި ހދ. ކުޅުދުއްފުށީ ތަރިޖެހިގެ ހިމާޔަތްކުރަން އެ ރަށު ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މޭޔަރު މުހައްމަދު އާތިފް ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަރިޖެހިގެ ހިމާޔަތްކުރުމަށް ސިޓީ ކައުންސިލުން ނިންމި މައިގަނޑު ސަބަބަކީ ދިވެހިންގެ ސަގާފަތާއި ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުން ކަމަށެވެ.
ތަރިޖެހިގެއަކީ އިހުޒަމާނުގައި ދިވެހީންގެ ސާދާ ދިރިއުޅުން ބިނާވެފައި އޮތް ގޮތާއި، ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ވައްޓަފާޅި ދައްކުވައިދޭ ދިވެހީންގެ ބޯހިޔާވެހިކަމުގެ ބިނާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދާ ހިސާބަށް އަޅުގަނޑުމެންނަށް އާދެވުނުއިރު، ރަށުގެ މުހިންމު ތާރީހީ ބިނާތަކެއް ނެތިގެން ގޮސްފި، އުލާ ގަބުރުސްތާނުގައި ހުރި ރީތި ހިރިގަލާއި ލަކުޑީގެ މިސްކިތާއި، މަގާންމަގުގައި ހުރި މާގާންފުޅު ފަދަ ތަންތަން މިއަދުގެ ޖީލަށް ފެންނާކަށް ނެތް،" އާތިފް ވިދާޅުވި އެވެ.
"އެހެންކަމުން މިހާރު ހުރި މިފަދަ މުހިންމު ތަންތަން މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް."
ތަރިޖެހިގެއަށް ބަދަލުގައި ބިމެއް
ކުޅުދުއްފުށީގައި ހަނި ޖާގަތަކުގައި ހުރި ގޯތިތައް ހުސްކޮށް، އެ ގޯތިތައް އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށައިފަ އެވެ. އެގޮތަށް ބަދަލުކުރާ ގޯތިތަކުގެ ތެރޭގައި ތަރިޖެހިގެ ވެސް ހިމެނެ އެވެ.
ވަރަށް ހަނި ގޮތަކަށް އެކި ގޯތިތަކުގެ މެދަށްވާ ގޮތަށް ހުންނަ ތަރިޖެހިގެ ބަދަލުކުރަން ނިންމާފައި ވަނީ އެ ރަށު އިސްރަށްވެހިންގެ ޕާކުގެ އިރުމަތިން އޮތް ހުސް ބިމަކަށެވެ. ސިޓީ ކައުންސިލުން ނިންމީ ތަރިޖެހިގޭގެ ބަދަލުގައި އެ ބިން ދިނުމަށް ފަހު، މިހާރު ހުރި މުސްކުޅި ގެ ހިމާޔަތް ކުރުމަށެވެ.
ކުޅުދުއްފުށީ ތަރިޖެހި ގޭގެ ވާހަކަ މީގެ ހަތަރު އަހަރު ކުރިން "މިހާރު" އިން ވެސް ގެނެސްދިނެވެ. އެއީ އެ ރަށަށް ޒިޔާރަތްކުރާ ވަރަށް ގިނަ ބަޔަކު ގޮސް ފޮޓޯ ނަގާ ހަދާ ތަނެކެވެ. ބައެއް ކަލަންޑަރުތަކުގައި ވެސް އެ ގޭގެ ފޮޓޯ ހުރެ އެވެ.
ބެލެވޭ ގޮތުގައި އެއީ 100 އަށް ވުރެ ގިނަ އަހަރުވެފައިވާ ގެއެކެވެ. އެ ކަހަލަ ގެއެއް، މި ކަހަލަ ޒަމާނެއްގައި މުޅި ރާއްޖެއިން ވެސް ފެންނާނީ ވަރަށް މަދުންނެވެ. އެ ގެ މިހާރު ވެސް ހުރީ އިހުގައި ހުރި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެވެ. އެކަން އެގޮތަށް ދެމެހެއްޓީ، ކޮންމެހެން އެ ގެ ޒަމާނީ ކުރެވޭނެ ގޮތެއް ވެސް ނެތިގެނެއް ނޫނެވެ. ގަސްތުގައި ބަދަލެއް ނުގެނައީ އެވެ.
ތަރިޖެހިގެ ހަދާފައި ހުރީ އެންމެ އިހުގައި ގެތައް ހުންނަ ގޮތަށް، ރުއް ލަކުޑި އާއި ބަނބުކެޔޮ ގަހުގެ ލަކުޑި ބޭނުންކޮށްގެންނެވެ. ގެއަށް ގެނައި ހަމައެކަނި ބަދަލަކީ ފުރާޅުގައި އޮތް ފަންގިގަނޑު ނަަގައި ޓިނު ޖެހުން އެކަންޏެވެ. ގޭތެރޭގައި ގެއަށް އަންނަ މީހުން އިށީގެންދެ ހެދުމަށް ފަތްޖެހި އެނދަކާއި ޖޯލި ފަތި ބަހައްޓާފައި ހުރެ އެވެ.
އެ ގޭގައި ހުރި ހިފައިގެންގުޅޭ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް އެއީ އެތައް ޒަމާނެއް ކުރީގެ އެއްޗެއްސެވެ.
ނޮވެމްބަރު 2021 ގައި "މިހާރު" ގައި ތަރިޖެހިގޭގެ ވާހަކަ ގެނެސްދިން އިރު، އެ ގޭގައި ދިރިއުޅެނީ އުމުރުން ދުވަސްވީ މީހެއް ކަމަށްވާ އަލީ މުހައްމަދު އެކަންޏެވެ. އެއީ އޭނާގެ މައިންބަފައިންގެ ގެ އެވެ. އެކަނިމާއެކަނި އުޅެން ޖެހުމާ އެކު، އެ ގެއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އޭނާގެ މައިންބަފައިންގެ ހަނދާންތައް ދިރިހުރުން މާ މުހިންމު ކަމަށް ބުނެފައިވެ އެވެ.
އަލީ ކުރިން ދެ ކައިވެންޏެއް ކުރި ނަމަވެސް، އޭނާގެ ކުއްޖަކު ނުހުރެ އެވެ. އޭނާ ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެމުން އަންނަނީ އެކަނިމާއެކަންޏެވެ.