މީހުން ދިރިއުޅޭ ރަށްރަށް ކައިރީގައި ސަފާރީތައް ބާއްވައިގެން ހިންގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް، އެފަދަ ރަށްރަށާ ކައިރީގައި ސަފާރީ ބޭއްވުން މަނާކުރާ ގޮތަށް ގަވާއިދުތައް އިސްލާހު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީ އޮފީހާއި ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށް ކައިރީގައި ސަފާރީތައް ބާއްވައިގެން ނުގަވާއިދުން ބަނގުރާ ވިއްކުމުގެ ކަންކަން ހިންގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އަލަށް ގެންނަ އިސްލާހުގެ ދަށުން، މީހުން ދިރިއުޅޭ ކޮންމެ ރަށަކާ މަދުވެގެން އެއް ކިލޯ މީޓަރު ދުރުގައި ނޫނީ ސަފާރީ ނުބޭއްވޭ ގޮތަށް އުސޫލު ބަދަލުކޮށް، އިސްލާހު ކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ބަދަލު ތަންފީޒު ކުރުމުގައި ލޯކަލް ކައުންސިލްތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމަށް ހަވާލުކުރާނީ ކައުންސިލްތަކާ ކަމަށެވެ.

ޕީއެންސީ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ހަފުލާގައި ރައީސް މުއިއްޒުގެ ދެކަނބަލުން މިރޭ ބައިވެރިވެވަޑައިގަންނަވަނީ،---ފޮޓޯ: ރައީސް އޮފީސް
ޕީއެންސީ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ހަފުލާގައި ރައީސް މުއިއްޒުގެ ދެކަނބަލުން މިރޭ ބައިވެރިވެވަޑައިގަންނަވަނީ،---ފޮޓޯ: ރައީސް އޮފީސް

ކައުންސިލްތަކަށް ދީނާ އިދިކޮޅު ފިކުރުގެ ވިސްނުން ހުންނަ ބަޔަކު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވައިފި ނަމަ، އެކަންކަން ނުބަލާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސަފާރީ ތަކަކީ ލައިސަންސެއް އޮވެގެން، ރިސޯޓުތަކުގައި އޮންނަ ގޮތަށް ލައިސަންސް އޮވެގެން އެ ސަފާރީގައި ނިދައި ޓޫރިސްޓުންނަށް ރާ ވިއްކުމުގެ ހުއްދަ އޮންނަ، ލައިސަންސް އޮންނަ ބައެއް. ގަވާއިދު މި ބަދަލުކުރަނި މީހުން ދިރިއުޅޭ ރަށްރަށާ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ވެސް އެއް ކިލޯމިޓަރު ދުރުގައި ކަމަށް ސަފާރީ ބޭއްވޭނީ،" ތަފުސީލް ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޕީއެންސީ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ހަފުލާގައި ރައީސް މުއިއްޒު މިރޭ ބައިވެރިވެވަޑައިގަންނަވަނީ،---ފޮޓޯ: ރައީސް އޮފީސް
ޕީއެންސީ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ހަފުލާގައި ރައީސް މުއިއްޒު މިރޭ ބައިވެރިވެވަޑައިގަންނަވަނީ،---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ގަވައިދަށް ގެންނަ އިސްލާހުގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭ ޓޫރިސްޓުން ހެދުން އެޅުމުގެ އުސޫލުތަކާއި އުޅެން ޖެހޭނެ މިންގަނޑުތައް ބަޔާން ކުރާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ލޯކަލް ޓޫރިޒަމަށް ވަރަށް ބޮޑަށް ތަރުހީބު ދެއްވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކަމަށް މަގުފަހިކުރުމަށް ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުން ފަދަ މަސައްކަތްތައް ސަރުކާރުން ކުރާ ކަމަށެވެ.

ނަމަވެސް ދީނާ ހިލާފު ކަންކަމަށް ހިތްވަރުދީ އެ ކަންކަމަށް ގޮވާލާ ސިޔާސީ ފިކުރުތަކަށް ސަތޭކަ ޕަސެންޓު އިސްލާމީ މުޖުތަމައެއްގައި ފުރުސަތު ދީގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.