ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމަށް ދެވަނަ ދައުރެއް ދޭން ޖެހެނީ އެމްއެންޕީއާރުސީގެ "ވައްކަމުގެ ލިސްޓު" ގައި ނަން ނެތުމުން ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މާލޭ މޭޔަރުކަމުގެ ޕްރައިމަރީގައި ވާދަކުރައްވާ އާޒިމްގެ ކެމްޕޭން ޖަލްސާގައި ޑރ. ޑީޑީ ވިދާޅުވީ އާޒިމަކީ ވަރަށް ތަފާތު ނަމޫނާ ބޭފުޅެއް ކަމަށެވެ.

އާދަމް އާޒިމަކީ ވަރަށް އިހުލާސްތެރި، ކެތްތެރި އަދި ވަރަށް އޯގާތެރި، ނަޒާހަތްތެރި ބޭފުޅެއް ކަމަށް ޑީޑީ ވިދާޅުވި އެވެ.

މޭޔަރު ކަމަށް ފުރަތަމަ ވާދަކުރެއްވި އިރު ވެސް އާޒިމަށް ތާއީދު ކުރެއްވީ އެ ސަބަބަށްޓަކައިކަން ފާހަގަ ކުރައްވަމުން ޑީޑީ ވިދާޅުވީ މޭޔަރު ކަމުގައި މިހާރު ހުންނެވީ ވެސް އެކަނި ކުރެއްވި ކެމްޕޭނުގައި ކަމަށެވެ.

މި މަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި އާދަމް އާޒިމާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމަށް އިޝާރާތް ކުރައްވައި ޑީޑީ ވިދާޅުވީ، އެ ޕާޓީ ރޫޅާލުމުގެ ވިސްނުން ދުވަހަކު ވެސް އާދަމް އާޒިމް ނުގެންގުޅުއްވާނެ ކަމަށާއި އޭނާގެ ނަން އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ވެސް ނޯންނާނެ ކަމަށެވެ.

"އާދަމް އާޒިމަކީ ދުވަހަކު ވެސް އެމްޑީޕީ ރޫޅާލާނެ ބޭފުޅެއް ނޫން. ދުވަހަކު ވެސް ރޫޅައެއް ނުލާނެ. ދުވަހަކު ވެސް ރޫޅާލާ މީހުންނަށް ހިތްވަރެއް ވެސް ނުދެއްވާނެ. އަދި އެ މަނިކުފާނަކީ ލާމަސީލު ނަޒާހަތްތެރި ބޭފުޅެއް،" އާދަމް އާޒިމަށް ތައުރީފު ކުރައްވަމުން ޑީޑީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެންޑީޑޭޓު 1 އާދަމް އާޒިމްގެ ނަންފުޅެއް އެމްއެމްޕީއާރުސީގެ ބިޔަ ބޮޑު ހިޔާނާތުގެ ލިސްޓުގައެއް ނޯންނާނެ. ނޯންނާނެ، ވަރަށް ސާފު."

އަލީ އާޒިމާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ އެކި ގޮތްގޮތަށް ގުޅުވައިގެން ބައެއް މީހުން ވާހަކަ ދެއްކި ނަމަވެސް އޭނާ ގެންދަވަނީ އެ ވާހަކަތައް ދޮގުކުރައްވަމުންނެވެ.