ޓިކްޓޮކުގައި މަގްބޫލު އަލީ އަމްޖަދު (އަމްޖު) ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.
ށ. ފޯކައިދު އަށް އުފަން އުމުރުން 42 އަހަރުގެ އަމްޖު ނިޔާވެފައިވާކަން އައިޖީއެމްއެޗުން ކަށަވަރު ކޮށްދިނެވެ. އެކަމަކު މަރުވި ސަބަބެއް އަދި ނޭނގެ އެވެ.
މިއަދުގެ މެންދުރު 1:10 ހާއިރު ހިނގި އެ ހާދިސާގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އަމްޖު ވެއްޓިފައި އޮއްވައި ފެނުނީ ތިލަފުށީގެ ބަނދަރުގައި މުދާ ބަރުކޮށްފައި އޮތް އޭނާ ކައްޕިއެއްގެ ގޮތުގައި މަސައްކަތްކުރާ ސެކިޔޯ ދޯނީގެ ވީލްހައުސްތެރޭގަ އެވެ.
"މުދާ ބަރުކޮށްގެން ދޯނީގައި މާލޭގައި ނައްްޓާލަން ވެގެން ދޯންޏަށް އެރީ. އެކަމަކު، ދޯންޏަށް އެރި ގޮތަށް އަމްޖަދުގެ އެއްވެސް ޚަބަރެއް ނުވެގެން ޖެހިގެން އޮތް ދޯނީގެ ކައްޕި އަމްޖަދު އޮތް ދޯންޏަށް އަރައި ބެލިއިރު އަމްޖަދު އޮތީ ވެއްޓިފައި،" އަމްޖަދުއާ އެކު މަސައްކަތްކުރާ އެ މީހާ ކިޔައިދިނެވެ.
އޭނާ ބުނީ، އަމްޖު ދޯނީގައި ބާއްވައިގެން ވަގުތުން ސީޕއާރު ވެސް ދިން ކަަމަށާއި އެކަމަކު ހޭނޭރުމުން އައިޖީއެމްއެޗަށް ގެނައީ ކަަމަށެވެ.
"އަމްޖަދު ވެއްޓިފައި އޮތް ދޯނީގައި ވަގުތުން މާލެ ގެނައީ. އޭރު ވެސް މާ ބޮޑު އުންމީދެއް ނެތް،" އަމްޖުގެ ގާތް އެކުވެރިޔާ ބުންޏެވެ.
އަމްޖު ތިލަފުށިން އައިޖީއެމްއެޗަށް ގެނައިރު ވެސް އޮތީ ނިޔާވެފަ އެވެ.
އަމްޖުއަކީ ޓިކްޓޮކުގައި ވަރަށް އެކްޓިވްކޮށް އުޅުނު އަދި ލައިވްތަކުގައި ވަރަށް މަޖާކޮށް އުޅުނު މީހެކެވެ.
އަމްޖު ނިޔާވިއިރު އޭނާ އުޅުނީ ޓިކްޓޮކުން ގިނަ ބަޔަކު ދަންނަ ހަބީބާއާ ކައިވެނި ކޮށްގެންނެވެ. އަދި އެހެން މީހަކާ ކުރި ކައިވެންޏަށް އޭނާގެ ދަރިއަކު ވެސް ހުރެ އެވެ.
އަމްޖުއަކީ ރާއްޖެ އަށް ޓިކްޓޮކް ތައާރަފުވި ދުވަސްވަރުން ފެށިގެން އެ ޕްލެޓްފޯމްގައި އެންމެ ހިނގާ އަދި އެންމެ މަޝްހޫރު އެއް މޫނެވެ.