އިންޑިއާގެ އުތުރުން އަންނަ ނުސާފު ވައި ރާއްޖެ ސަރަހައްދަށް ޖަމާވެ ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ވެސް ބުރޫއަރަން ފަށައިފި އެވެ. 

ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ އޭވިއޭޓަސް މޯލްޑިވްސްގެ ވެބްސައިޓުގައި މިއަދު ބުނީ ރާއްޖޭގެ ޖައްވު ނުސާފުވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭތެރެއަކުން ވިޒުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ސަސްޕެންޑު ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. 

ވީއެފްއާރަކީ މަތިންދާބޯޓު ދުއްވުމުގައި ޕައިލެޓުން އަމަލުކުރަން ޖެހޭ ގަވާއިދުތަކެކެވެ. އޭގެ މައިގަނޑު އަސާސަކީ ޕައިލެޓްގެ ލޮލަށް ފެންނަ ފެނުމުގެ މައްޗަށް ބިނާކޮށް ބޯޓު ދުއްވުމެވެ. 

ވީއެފްއާރުގައި ދުއްވޭނީ މޫސުން ރަނގަޅު ނަމަ އެވެ. ވިލާގަނޑުގެ ތެރޭގައި ނުވަތަ މާބޮޑަށް ދުންފިނިވެފައި އޮންނަ ވަގުތުތަކުގައި އެ ގަވާއިދުގެ ދަށުން ބޯޓު ނުދުއްވޭނެ އެވެ. ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެކުލަވާލާފައިވާ އެ ގަވާއިދުގެ ދަށުން މަތިންދާބޯޓު ވަކި އުސްމިނެއްގައި ދުއްވާއިރު މަދުވެގެން ފަސް ކިލޯމީޓަރުގެ ދުރަށް ފެންނަން ޖެހެ އެވެ. 

ނަމަވެސް، ޖައްވު ނުސާފުވުމުގެ ސަބަބުން މިދިޔަ ދެތިން ދުވަހު ދުރު ފެންނަ ވަރު ދެ ކިލޯމީޓަރަށް ވެސް ބައެއް ވަގުތުތަކުގައި ދަށްވެފައިވާ ކަމަށް އޭވިއޭޓާސް މޯލްޑިވްސްގައި ބުންޏެވެ. 

އެ ހާލަތުގައި ވީއެފްއާރު ގަވާއިދަށް އަމަލުކުރުން މެދުކަނޑާލާއި ވީއެފްއާރުގެ ހާއްސަ މިންގަނޑަކަށް އަމަލުކުރަން ޖެހެ އެވެ.

އޭވިއޭޓާސް މޯލްޑިވްސްގައި ބުނި ގޮތުގައި، ޖައްވު ނުސާފުވުމުގެ ސަބަބުން އެންމެ ބޮޑު ދަތިކަމެއް މިވަގުތު ކުރިމަތިވަނީ، އާންމުކޮށް ވަރަށް ތިރިން ދުއްވާ، ވީއެފްއާރަށް ވަރަށް ބޮޑަށް ބަރޯސާވެގެން އޮޕަރޭޓްކުރާ ސީޕްލޭންގެ ދަތުރުތަކަށެވެ. 

ޖައްވު ނުސާފުކޮށް އޮންނަތާ މަސްދުވަސް 

އައިކުއޭ އެއާގެ ރެކޯޑްތައް ދައްކާ ގޮތުގައި، މިދިޔަ މަހެއްހާ ދުވަހު ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ނުސާފުވެފަ އެވެ. މިދިޔަ މަހެއްހާ ދުވަހު މާލެ ސަރަހައްދުގެ ވައިގެ ކޮލެޓީ އެވްރެޖުކޮށް ހުރީ 63 - 172 އާ ދެމެދުގަ އެވެ. 

އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށެވެ. 

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން އިއްޔެ ބުނި ގޮތުގައި، މިއަދުން ފެށިގެން ކުރިއަށް އޮތް ހަ ދުވަހު ވެސް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވާނެ ކަމަށް ލަފާކުރެވެ އެވެ.

މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެ އަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.

އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވުމުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ. އަދި ސިއްހީ އެކި މައްސަލަތައް ވެސް ކުރިމަތިވެ އެވެ.