ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލުކުރުމުގެ ޝަރުތުތައް ދަށްކޮށް، މަތީ ތައުލީމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އެކުލަވާލާ ގަވައިދުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތާ މެދު މަންދު ކޮލެޖްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމާ އެކު އެހެން ގިނަ ޝަރުތުތަކެއް ހަމަވާ ނަމަ ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް މަތީ ތައުލީމުގެ ގާނޫނު އިސްލާހުކޮށް ތަސްދީގުކުރީ ނޮވެމްބަރު 9 ގަ އެވެ.

"ޕްރައިވެޓް ޔުނިވާސިޓީއާ ބެހޭ ގަވައިދު" ގެ ނަމުގައި، އެ ބަދަލާ ގުޅޭ ގަވައިދެއް ހެދުމުގެ މަސައްކަތް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.

އެ ގަވައިދަށް ކޮލެޖްތަކުގެ ހިޔާލު ހޯދުމުގެ ތެރެއިން މަންދުކޮލެޖަށް ދިން ފުރުސަތާ ބެހޭ ގޮތުން ސޯޝަލް މީޑިއާ "ފޭސްބުކް"ގައި ކުރެއްވި ޕޯސްޓެއްގައި އިބުރާ ވިދާޅުވީ އެއީ ކޮލެޖްތަކުގެ "ބަސް ހޯދި ކަމަށް ރެކޯޑްކޮށްލަން" ދިން ފުރުސަތެއް ކަމަށެވެ. 

އެ މުޅި މަސައްކަތަކީ ވިލާ ކޮލެޖް ފިޔަވައި އެހެން ކޮލެޖަކަށް ޔުނިވާސިޓީގެ ދަރަޖަ ނުހޯދޭ ގޮތަށް ނިޒާމު ތަޅުލާން ކުރާ ކަމެއް ކަމަށް ވެސް އޭނާ ތުުހުމަތުކުރެެއްވި އެވެ. 

"... އަހަންނަކީ ވެސް މި ރާއްޖޭގެ ތައުލީމީ ދާއިރާގެ އެންމެ ތިރީ ހަރުފަތުން ފެށިގެން އެންމެ މަތީ ހަރުފަތްތަކުގައި ގިނަ ދުވަސްތަކެއްގައި މަސައްކަތްކުރި މީހަކީމެވެ. ކިޔެވީ ވެސް އެ ދާއިރާއިންނެވެ. މި ދާއިރާގައި ތިއްބެވި ގިނަ ތަޖުރިބާރުންނާ އެކު މަސައްކަތްކުރެވި، އެ ބޭފުޅުންނާ ގާތް ގުޅުމެއް މިހާރު ވެސް އޮވެ އެވެ. އެއިން އެއްވެސް ބޭފުޅަކު މިއީ ރަނގަޅު ކަމެކޭ ވިދާޅުވާތީ އަޑެއް ނާހަމެވެ. މަޝްވަރާ ކޮށްލެވުނު ކޮންމެ ބޭފުޅަކު ވެސް ފާޅުކުރެއްވީ ކަންބޮޑުވުމެވެ،" ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި އިބުރާ ވިދާޅުވި އެވެ.

ގަވައިދު ހަަދަން ހަޔާ އެޑިއުކޭޝަނުން ކުރާ މަސައްކަތަށް ފާޑުވިދާޅުވުމުގެ އިތުރުން، ގާނޫނަށް ގެނައި ބަދަލާ ގުޅުވައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހަށް ވެސް އިބްރާ ފާޑުވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަތީ ތައުލީމުގެ ގާނޫނަށް ގެނައި އިސްލާހުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީން ކުރި އިރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް އެ އިސްލާހާ ދެކޮޅު ހެދި އެވެ. 

"އެކަމަކު ފަލާހް މާ މޮޅުވާނެތާ އެވެ! އޭނާއަށް ހީވަނީ ޔުނިވާސިޓީއެއް ބިނާކުރުމަކީ ވެސް ފަށަންމަތީ މަޑޫބަހައްޓާފައި، އިއްޔާ ކަބީލާ ހެޔޮވަރުކޮށްފައި ބޮޑު މަރުތޭލުން ތިންބޮނޑިއެޅީމާ ނިމޭކަމެއް ކަމަށެވެ،" އިބްރާ ވިދާޅުވި އެވެ. 

ޕްރައިވެޓް ޔުނިވާސިޓީއާ ބެހޭ ގަވައިދަށް ހިޔާލު ހޯދަން މަންދުކޮލެޖަށް ފޮނުވި މެއިލް އަށް ދިން ޖަވާބު ވެސް އެެއާ އެކު ޕޯސްޓްކުރެއްވި އެވެ. އެ ޖަވާބުގައި ބުނެފައި އޮތީ ޕްރައިވެޓް ޔުނިވާސިޓީތައް އުފައްދަން ހިންގާ މުޅި ހަރަކާތަކީ ވެސް "ގާނޫނުގައި ބަޔާންކުރާ ފަދަ ކޮރަޕްޝަނުގެ އަމަލެއް" ކަމަށެވެ. އެހެންވެ އެކަމުގައި މަންދުކޮލެޖުން ބައިވެރިނުވާނެ ކަމަށް ވެސް އެ މެއިލްގައި ބުނެފައި އޮތެވެ.

މަތީ ތައުލީމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ އެއް ޝަރުތަކީ އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރު ވެފައިވާ ނުވަތަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށް ވުމެވެ. 

ރާއްޖޭގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީ ކޮށްފައިވާ ކޮލެޖެއް، ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު ދެން ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ؛

• ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި 9 ގެ، މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުން ގެންދިއުން

• އެ ކޮލެޖެއްގައި ހިންގާ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިއުން

• ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއް ނުވަތަ ރޭންކިންއެއްގައި ބައިވެރިވެ ރޭޓުކޮށް ނުވަތަ ރޭންކު ކޮށްފައިވާ ކޮލެޖަކަށްވުން

• ބައިނަލްއަގުވާމީ ޔުނިވާސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގަ އާއި ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރަންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަސް ހޭދަކޮށްފައިވުން

• ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް، ބޭރުގެ ޔުނިވާސިޓީތަކާއި ޖަމާއަތްތަކާ އެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުން

• އެ ކޮލެޖެއްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން 10 ޕަސެންޓަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން

• އެ ކޮލެޖެއްގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކޮށްފައިވުން

އެ އިސްލާހުގައިވާ ގޮތުން،  ބިލް ތަސްދީގުކޮށް، ގާނޫނަކަށް ވާތާ ގިނަވެގެން ދެ މަސްދުވަހުގެ ތެރޭގައި އެކަމާ ގުޅޭ ގަވާއިދުތައް ހަދަން ޖެހޭނެ އެވެ.