އުމުރުން 65 އަހަރުވުމުން ރިޓަޔާކުރަން ބޭނުންނުވާ މީހުންނަށް، 75 އަހަރާ ހަމައަށް ވަޒީފާގައި ދެމި ތިބެވޭ ގޮތަށް ގެނެސްފައިވާ ބަދަލާއެކު ރީ އެމްޕްލޯއިމަންޓް ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ. 

އެގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންވެ، އެ ބަދަލުތަކާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްކޮށްފައިވަނީ ވަނީ މިދިޔަ ހޯމަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގަ އެވެ. 

އެ ބިލުގެ މަގްސަދަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގެ އުސޫލުތައް ކަނޑައެޅުމެވެ.

އެ ބިލުގައިވާ ގޮތުން އެ އުސޫލުތައް ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. ނަމަވެސް އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނާއި ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އައްޔަންކުރާ މަގާމުތައް އަދާކުރާ ފަރާތްތައް ނުހިމެނެ އެވެ. 

ބިލުގެ ދަށުން، ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ 7 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި 65 އަހަރުވުމުން ރިޓަޔާކޮށްފައިވާ ފަރާތްތަކަށް ވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނެ އެވެ. 

އެ ބިލަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން އެއް މަސް ދުވަސް ފަހުންނެވެ.