ސުލްހައިގެ މަޝްވަރާތަކަށް ސައުދީ އަރަބިއްޔާ އަށް ދިޔަ، ޔަމަނުން ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ)ގެ އިސް ވަފުދުގެ ޚަބަރެއް ނުވާ ކަމަށް ބުނެ އެ ޖަމާއަތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޔަމަނުގެ ދެކުނުގައި ހަރަކާތްތެރިވާ އެސްޓީސީގެ ހަނގުރާމަވެރިން ވަނީ އެ ގައުމުގެ އިތުރު ސަރަހައްދުތައް ހިފުމަށް މަސައްކަތް ފަށައިފަ އެވެ. ޔޫއޭއީން ވާގިވެރިވާ އެސްޓީސީން މި މަހު ވަނީ ޔަމަނުގެ ދެކުނުގެ ބޮޑު ބައެއް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

އެކަމާ ދެކޮޅަށް ސައުދީ އިސްވެ އޮތް އިއްތިހާދުގެ ފައުޖުން ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށައި، އޭގެ ތެރެއިން ގިނަ ސަރަހައްދުތައް އެސްޓީސީގެ އަތް ދަށުން ސަލާމަތްކޮށްފަ އެވެ. 

https://mihaaru.com/world/153103

ކުރިމަތިލުންތައް އިތުރަށް ގޯސްވިޔަނުދޭން، ސައުދީގެ ވެރިރަށް ރިޔާދުގައި ބާއްވަން ތާވަލުކުރި މަޝްވަރާ ބައްދަލުވުމަކަށް އެސްޓީސީގެ 50 އެއްހާ މެމްބަރުންގެ މައްޗަށް އެކުލެވޭ އިސް ވަފުދެއް ވަނީ ރިޔާދަށް ގޮސްފަ އެވެ. 

ނަމަވެސް، ރިޔާދަށް ދިޔަ ފަހުން އެ ވަފުދުގެ އެއްވެސް މެމްބަރެއްގެ ޚަބަރެއް އާއިލާތަކަށް ވެސް ނުވާ ކަމަށާއި އެ މީހުންނާ ފޯނުން ވެސް ނުގުޅޭ ކަމަށް އެސްޓީސީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. 

މަންޒަރު ދުށް މީހުންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ރިޔާދުގެ އެއާޕޯޓުން ނުކުމެގެން، އެ ވަފުދު ވަނީ ކަޅު ކުލައިގެ ބަހަކަށް އަރުވައިފަ އެވެ.

އެސްޓީސީން ނެރުނު ބަޔާނެއްގައި ވަނީ އެ ވަފުދު ސައުދީ ސަރުކާރުން ހައްޔަރުކޮށް، ބަންދުކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. 

އަދި ވަފުދުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކޮށްދިނުމަށް އެދި، ސައުދީ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަން ބައިނަލްއަގުވާމީ މުޖުތަމައުއަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.