މާލޭގެ ގޯޅިއެއްގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނަކަށް ހަމަލާދީ އަނިޔާކުރި މައްސަލައެއްގައި މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ގ.ޝާރާޒް، އަލީ އިމްރާން ވަހީދެވެ.
ސޯޝަލް މީޑިއާގައި ރޭ އާއްމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ހަމަލާދިން މީހާޢާއި އަންހެންމީހާ އަށް ދެމެދަށް އެހެން މީހަކު ވަދެ އެކަން ހުއްޓުވަން މަސައްކަތް ކުރި އެވެ.
ނަމަވެސް އެކަން ކާމިޔާބު ނުވެ، އަންހެންމީގެ ބޮލުގައި ގޮށްމުށުން އެތައް ފަހަރަކު ޖަހާތަން އެ ވީޑިއޯއިން ފެނެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.