ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސް ކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ މިއަދު އައްޔަން ކުރައްވައިފި އެވެ.
އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރެއްވީ އޭނާ އެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ދީފައިވާތީ އެވެ.
ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން އިއްޔެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުން ވަނީ އެކަން ފާސްކޮށްފަ އެވެ.
ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރަކު އަދާ ކުރައްވައިފަ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާ އިން ޕީއެޗްޑީ ހާސިލުކުރައްވައިފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަރު މިނިސްޓަރުކަން ކުރެއްވި ރަމީލާ ޑިސެމްބަރު 2024 ގައި އެ މަގާމުން އިސްތިއުފާދެއްވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދެއްވުމަށެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.