ހާއްސަ ސިއްހީ ބޭނުންތަކަށް ސިވިލް ސާވިސް މުވައްޒަފުން ޗުއްޓީ ނެގުން މިހާރަަށް ވުރެ އަވަސްކޮށް، ފަސޭހަ ކުރަން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން އާ އުސޫލެއް ކަނޑައަޅައި ސާކިއުލާއެއް ނެރެފި އެވެ.

ސީއެސްސީން މިއަދު ގެޒެޓްކުރި ސާކިއުލާގައި ބުނީ ހާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް މުވައްޒަފުން އެދޭ އިރު އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީސް މެދުވެރިކޮށް ފޯމް ހުށަހަޅާ ގޮތަށް އޮތުމުން، ޗުއްޓީއާ މެދު ގޮތެއް ނިންމައި މުވައްޒަފުންނަށް އަންގަން ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށެވެ.

އެ މައްސަލަ ހައްލުކުރަން ކަނޑައެޅި އާ އުސޫލަކީ ޗުއްޓީއަަށް އެދޭ މުވައްޒަފުން މަސައްކަތްކުރާ އޮފީހަށް ކޮޕީކޮށް، ސީދާ ސީއެސްސީއަށް ފޯމު ހުށަހަޅާ ގޮތަށް ބަދަލުކުރުމެވެ. މިގޮތަށް ބަދަލުކުރުމުން މިހާރަށް ވުރެ އަވަސްވާނެ ކަމަށް ސީއެސްސީން ބުންޏެވެ.

"ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ އަށް މުވައްޒަފުން އެދޭ ހާލަތުގައި، އިދާރާތަކުން މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން، ޗުއްޓީދިނުމާ މެދު ގޮތެއް ކަނޑައަޅައި، މުވައްޒަފުންނަށް އެންގުމަށް ގިނަ ދުވަސްތަކެއް ހޭދަވަމުންދާތީ މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އިސްވެ ދެންނެވުނު މާއްދާގެ ދަށުން މުވައްޒަފުން ޗުއްޓީއަށް އެދޭ ހާލަތުގައި، އެ މުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށް ފަހު، ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި، އެ މުވައްޒަފެއް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް ދެންނެވީމެވެ،" ސީއެސްސީގެ ސާކިއުލާގައި ބުނެފައި ވެ އެވެ.

އެހެން ނަމަވެސް ސީއެސްސީއަށް ފޯމު ހުށަހަޅަންވާނީ ޗުއްޓީ ފަށަން ބޭނުންވާ ތާރީހުގެ 15 ދުވަސް ކުރިން ކަމަށް ވެސް އެ ސާކިއުލާގައި ބުންޏެވެ. ފޯމު ހުށަހަޅަން ޖެހޭނީ ގުޅުންހުރި ލިޔެކިއުންތަކާ ވެސް އެކުގަ އެވެ. 

ސަރުކާރުގެ އެކި އޮފީސްތަކުގައި ގާތްގަނޑަކަށް 26،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ.