ގަވާއިދާ ހިލާފަށް އެއްވެސް ކޯހެއް ނުހިންގާ ކަމަށާއި އެމްކިއުއޭގެ އިއުލާނަކީ އެވިޑު ކޮލެޖުގެ ނަން ކިލަނބުކުރުން ކަމަށް، އެ ކޮލެޖުން ރޭ ބުނެފި އެވެ.
އެމްކިއުއޭގެ އިއުލާނަށް ރައްދު ދީ، އެވިޑުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އިން ބޭރުގައި ހިންގަން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމެއް، ކޯސްތައް ހިންގުމާ ބެހޭ ގަވާއިދާ ހިލާފަށް ބޭރުގައި ނުހިންގާ ކަމަށެވެ.
އެކަމަކު، ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން، އެވިޑުގެ ޕްރޮގްރާމްތަކުގެ ހުއްދަ ހޯދައި އަދި އެވިޑް ކޮލެޖަކީ ޔޫޖީސީން ގަބޫލުކުރާ ތަނަކަށް ވާތީ، އެ އުސޫލުގެ ދަށުން އެ މީހުން ކޯސް ހިންގަމުން ދިޔައީ އެ އުސޫލު ނެރުމުގެ ކުރިން ކަމަށް ވެސް ބުންޏެވެ.
އެމްކިއުއޭއިން މިދިޔަ އާދިއްތަ ދުވަހު ނެރުނު އިއުލާނުގައި ބުނީ އެކްރިޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތަކެއް، އެވިޑުން ލަންކާގައި ހިންގީ އެ ގައުމުގެ "އެމަޒޯން ކޮލެޖް" އާއި ކޮން ގައުމެއްގެ ޔުނިވާސިޓީއެއް ކަން ނޭނގޭ، "އަލްޒެޓް ޔުނިވާސިޓީ" ނަމަކަށް ކިޔާ ޔުނިވާސިޓީއަކާ ގުޅިގެން ކަމަށެވެ.
އެކަން އެނގުނީ އެ ދެ ތަނުން އެވިޑްގެ ޕްރޮގްރާމް ފުރިހަމަކޮށް، ހޯދާފައިވާ ސަނަދުތައް ސައްހަކަން ކަށަވަރު ކުރަން އެ އޮތޯރިޓީއަށް ހުށަހެޅުމުން ކަމަށް ވެސް އެމްކިޔުއޭގެ ބަޔާނުގައި ބުންޏެވެ.
އެކަމަކު، އެވިޑުން ބުނީ އެމްކިއުއޭގެ އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ބޭރުގައި ހިންގުމާ ބެހޭ ގަވާއިދު ސެޕްޓެމްބަރު 10، 2025 ގައި ގެޒެޓު ކުރުމުން އެ މަހުގެ 14 ވަނަ ދުވަހު އެ ކޮލެޖުގެ ޕާޓްނާ ކޮލެޖުތަކަށް އުސޫލެއް ކަނޑައެޅިކަން އަންގައި، އެއާ އެއްގޮތަށް ކަންކަން ގެންދިއުމަށް އަންގާފައިވާ ކަމަށެވެ.
އެ މައުލޫމާތު އެމްކިއުއޭއާ ވެސް ހިއްސާކޮށްފައިވާ ކަމަށް އެވިޑު ކޮލެޖުން ބުންޏެވެ.
"އެވިޑު ކޮލެޖުން ވާނީ ނުހަނު ދެފުށް ފެންނަ ގޮތަށް ކޮލެޖުގެ ޕާޓްނާ ކޮލެޖުތައް ރާއްޖޭން ބޭރުގައި ހުންނަ ކަމާއި އަދި ގަވާއިދު ގެޒެޓުކުރުމާ އެކު އެ ގަވައިދަށް ތަބާވާނެކަން އަންގައި އަދި ގަވައިދުގެ ކުރިން ކުރިއަށް ގެންދިޔަ އެފިލިއޭޝަންތަކާ މެދު ކަންކުރާނެ ގޮތުގެ ލަފައަކަށް ވެސް އެދިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
ނަމަވެސް، އެވިޑު ކޮލެޖުގެ ނަން ކިލަނބުވާ ގޮތަށް މިދިޔަ ހޮނިހިރު ދުވަހު އެމްކިއުއޭ އިން ނޫސްބަޔާން ނެރެ، ޖެހިގެން އައި ދުވަހު ކުރިން ނެރުނު އާއްމު އިއުލާން ޖެނުއަރީ 4 ކަމަށް ބަޔާންކޮށް، އާއްމުންނަށް އޮޅޭނެ ގޮތަށް ކަންތައް ކުރީ ކަންކަން އަވަސްކޮށް، އޭގެ ފުންމިނަށް ނުބަލައި އެއްވެސް ޒިންމާދާރުކަމެއް ނެތި ގެއްލުން ދިނުމުގެ ބޭނުމުގައި ރޭވުންތެރިކަމާ އެކު ކަމަށް އެ ކޮލެޖުން ބުންޏެވެ.
"އުސޫލެއް ކަނޑައެޅުމުގެ ކުރިން ރާއްޖޭން ބޭރުގެ ޕާޓްނާވެފައިވާ ކޮލެޖުތަކާ ބެހޭ ކަންކަމާ ބެހޭގޮތުން އެމްކިއުއޭއާ ބައްދަލުކޮށް އެ ފަރާތުން ވަނީ ގޮތެއް ކަނޑައަޅައިފަ އެވެ. ނަމަވެސް، އުސޫލު ގެޒެޓު ކުރުމުގެ ފަހުން އެފަދަ ކަމެއް ކުރިއަށް ދޭތޯ ބެއްލެވުމެއް ނެތި އެވިޑު ކޮލެޖު ފަދަ ތައުލީމާއި ތަމްރީނުގެ ހިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ފިޔަވަޅު އެޅުމަކީ ބޭއިންސާފުން އަދި އަދާލަތުގެ ހަމަތަކާ ހިލާފަށް އަނިޔާ ދިނުން ކަމުގައި އެވިޑު ކޮލެޖުން ދެކެމެވެ،" ބަޔާނުގައި ވެ އެވެ.
"އަދި އާއްމު މުޖުތަމައުގެ ނަޒަރުގައި އެވިޑު ކޮލެޖުގެ ނަން ކިލަނބުކުރުމުގެ އަމަލެކެވެ."