ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާ ޕޯޓަލް މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިއުލާނެއްގައި ބުނީ އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ޕޯޓަލް އާއްމުކުރުމުން، ލިޔެކިޔުންތައް އަޕްލޯޑުކޮށް ސޭވް ކުރެވޭނެ ކަމަށެވެ. އެކަމަކު، ފޯމު ހުށަހެޅޭނީ އެކަމަށް އެދި ރަސްމީކޮށް ހުޅުވައިލުމުން ކަމަށް އެ އިދާރާއިން ބުންޏެވެ. 

އާއްމުންނަށް ފެންނާނެ ގޮތަށް ކުރީބައިގައި ޕޯޓަލް ހުޅުވައިލީ ފަސޭހައަކަށް ކަމަށާއި އޭރުން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފުރިހަމަކޮށް، އަޕްލޯޑު ކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑު ކުރުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށް ބުންޏެވެ.

އީސީން ބުނީ އިންތިހާބަށް ހާއްސަކޮށްފައިވާ ޕޯޓަލް، my.elections.gov.mv އަށް ލޮގިންވާނީ އެ މީހެއްގެ އަމިއްލަ އީފާސް އެކައުންޓުން ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއަކުން ނަމަ އެ ޕާޓީއަކުން، އެ ކެންޑިޑޭޓަކު އެންޑޯޒް ކުރުމަށް ރިކުއެސްޓެއް ދާނެ އެވެ. ޕާޓީތަކުން އެ ރިކުއެސްޓު  ޕްރޮސެސް ކުރާނީ ސިމެދަ ނަމަކަށް ޕޯޓަލުންނެވެ.

ކައުންސިލްތަކުގެ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލާ ނަމަ އެ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހޭނެ އެވެ. އަދި ކެންޑިޑޭޓު، އެ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އައިޑީކާޑު ނަމްބަރާއި ފޯނު ނަންބަރު ޖަހައި ހުށަހެޅުމުން، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހާއަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގާނެ ކަމަށް އީސީން ބުންޏެވެ.

އެ އަށް ފަހު، ތާއީދު ދިނުމުގެ ރިކުއެސްޓްތައް ގަބޫލުކުރުން ނުވަތަ ނުކުރުން ކަނޑައަޅާނީ، ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލްގެ ތެރެއިންނެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެ އެވެ.