ބޭސް ސިޓީ ފޯޖުކޮށްގެން، އެކި ދުވަސްވަރު މަތިން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ބޭސް ނެގި މީހެއްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އާސަންދައިގެ ޕާފޯމަންސް އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާއްމުކުރި، ހެލްތު އިންޝުއަރެންސް ސްކީމްގެ 2019-2024 ރިޕޯޓުގައި ބުނީ ބޭސް ސިޓީއެއް ފޯޖުކޮށްގެން ބޭސް ސިޓީ އާކުރި މައްސަލަ އާސަންދައަށް ފުރަތަމަ ހުށަހެޅީ ފެބްރުއަރީ، 2023 ގައި މާލޭގެ ހޮސްޕިޓަލަކުން ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުވާ މީހާގެ ބައްޕަގެ ނަން މަތީގައި އޮޅުވާލައިގެން ބޭސް ނަގަމުންދާ ކަމަށާއި އޭނާގެ ބައްޕަ ދިރިއުޅެނީ މާލޭގައި ނޫން ކަމަށް ވިޔަސް، މާލޭގެ އެކި ފާމަސީތަކުން ބޭސް ނަގަމުންދާ ކަމަށް އާސަންދައިގެ ހޮޓްލައިނަށް ޝަކުވާ ހުށަހެޅި ކަމަށް ބުންޏެވެ. އެ ގޮތަށް ބޭސް ނަގަނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށް ވެސް އެ ޝަކުވާގައި ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެގޮތަށް ބޭސް ނެގުން ތަކުރާރުވާތީ ޖުލައި، 2023 ގައި އަނެއްކާވެސް އާސަންދައަށް ރިޕޯޓުކުރި އެވެ. އެ ކުންފުނިން އެ މައްސަލަ ޕޮލިހަށް ހުށަހެޅީ ޑިސެމްބަރު، 2023 ގަ އެވެ. އެ މުއްދަތުގެ ފަހުން ވެސް އޮންލައިން ކޮންސަލްޓޭޝަން ނޫން ގޮތަށް ރާއްޖޭގެ ދެ ހިސާބެއްގައި ހުރެގެން އެއް ތާރީހެއްގައި ޑޮކްޓަރަށް ދައްކައިގެން ބޭސް ނެގި ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.
އޮޑިޓު ރިޕޯޓުގައި ބުނީ ފެބްރުއަރީ، 2023 އިން އޭޕްރީލް، 2024 ގެ ނިޔަލަށް އެ މީހާގެ ބައްޕަގެ ނަން މަތީގައި މާލޭ ހޮސްޕިޓަލްތަކަށް ދައްކައިގެން 112،586ރ. އަދި އައްޑޫ ހޮސްޕިޓަލަށް ދައްކައިގެން 25،080ރ. ގެ ބޭސް ނަގާފައިވާ ކަމަށެވެ.
އެއީ އޭނާގެ ބައްޕަ ދިރިއުޅޭ ރަށުން ނަގާފައިވާ ބޭހާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެއް ކަމަށް ބުންޏެވެ. އަދި އިތުރަށް ނަގާފައިވާ ބޭސްތަކުގައި ބަލި މީހާ އަމިއްލައަށް ނަގާފައިވާ ބޭސްތައް ވެސް ހިމެނެ އެވެ.