މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މިއަދު ހުޅުވާލައިފި އެވެ. 

ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުގެ ދަށުން ހުޅުމާލެ 2 ގައި ރެސިޑެންޝިއަލް އިމާރާތެއް އަޅަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. 

ބީލަމުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ހެނދުނު 11:00 ގައި ހައްޖު ކޯޕަރޭޝަންގެ އިދާރާގައި ކަމަށް އެ އިއުލާނުގައި ބުންޏެވެ. 

އެ އިއުލާނުގައި ބުނި ގޮތުގައި؛ 

  • ބީލަމުގައި ރަޖިސްޓްރީކުރުމަށް ފީއެއްގެ ގޮތުގައި 30،000ރ. ނުވަތަ 2،000 ޑޮލަރު ދައްކަން ޖެހޭ
  • ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ނުވަތަ އެ އަދަދަށް ވާ ޑޮލަރު ދައްކަން ޖެހޭ

ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި "ނިއަމް ރެސިޑެންސް"ގެ ނަމުގައި ހައުސިން މަޝްރޫއެއް ހިންގަން ނިންމައި، އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކުރީ ސެޕްޓެމްބަރު 24، 2024 ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ މަޝްރޫއަށް ބޭނުންވާ އާކިޓެކްޗަރަލް އާއި އިންޖިނިއަރިން އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި ކޮންސަލްޓެންސީގެ ހިދުމަތް އެފްޑީސީން ދޭނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ކުރިން "މިހާރު" އަށް ވިދާޅުވި ގޮތުގައި، މަޝްރޫއުގެ ދަށުން ހަދާ އެޕާޓްމަންޓްތައް ގަތުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާނެ އެވެ. ނަމަވެސް، ހަދަނީ ކިތައް އެޕާޓްމަންޓްކަމާއި މަޝްރޫއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ހައްޖު ކޯޕަރޭޝަނުން މެއި، 2024 ގައި ވަނީ ހުޅުމާލެއިން ދެ ބިމެއް ގަނެފަ އެވެ. އޭގެ ތެރެއިން އެއް ބިމުގައި ނުވަ ފްލޯގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ސެޕްޓެމްބަރު 2024 ގައި ވަނީ ފަށައިފަ އެވެ. އެއީ 5،000 އަކަފޫޓުގެ ބިމެއްގަ އެވެ.

އޮފީސް އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 79.1 މިލިއަން ރުފިޔާއަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.

ކ. މާފުށީގައި ސިޓީ ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ވެސް ހައްޖު ކޯޕަރޭޝަނުން މިދިޔަ އޯގަސްޓް މަހު އިއުލާންކޮށްފައިވެ އެވެ.