ހޯމް ނާސިން ކެއާ ނުވަތަ ގޭގެ އަށް ގޮސް ބަލި މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެ ހިދުމަތް ފަށާނީ އަންނަ ރޯދަ މަސް ނިމުމުން ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން އިއްޔެ ބުނެފި އެވެ. 

އެ ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރު، ޑރ. އައިމިނަތު ޒޭބާ އަހުމަދު "މިހާރު" އަށް ވިދާޅުވީ އެ ހިދުމަތް ފެށުމާ އެކު، އައިޖީއެމްއެޗުގައި ބާއްވައިގެން ފަރުވާދޭ މީހުންގެ ތެރެއިން ގެއަށް ދޫކޮށްލުމަށް ފަހު ވެސް އެހީ ބޭނުންވާނެ ކަމަށް ޑޮކްޓަރުންނަށް ފާހަގާވާ މީހުންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮސްޕިޓަލުގެ ޓީމަކުން ޒިޔާރަތް ކުރާނެ ކަމަށެވެ. 

އެ ހިދުމަތް ފެށުމުގެ މައިގަނޑު ބޭނުމަކީ ބަލި މީހުން ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު، އަނބުރާ ހޮސްޕިޓަލަށް ވަރަށް އަވަހަށް ގެންދަން ޖެހޭ ފަދަ ހާލަތްތައް ވެސް ކުރިމަތިވާތީ ކަމަށް ޒޭބާ ވިދާޅުވި އވެެ.  

"ހޮސްޕިޓަލުން ފޮނުވާލާއިރުގައި އޭގެ ތެރެއިން އާންމުކޮށް އެނދުމަތިވެފައި ތިބޭ ބަލި މީހުންނަށް ދޭންޖެހޭނެ ގޭގެ ތެރެއިން ބައެެއް ފަރުވާތައް އާއިލާގެ މީހުން ވެސް ކުރަންޖެހޭ. ބައެެއް ފަހަރު ކަންތައްތައް ވާގޮތުން ބަލި މީހުންނަށް އިތުރަށް ގޯސްވެގެން އަނެއްކާ ހޮސްޕިޓަލަށް އެބަ ގެންނަންޖެހޭ ވަރަށް އަވަހަށް،" ޒޭބާ ވިދާޅުވި އެވެ.

އެ ހިދުމަތުގެ ބޭނުމަކީ ބަލި މީހާ އަނބުރާ ހޮސްޕިޓަލަށް ގެންދިއުމަށް އޮންނަ ރިސްކު ކުޑަކޮށްދިނުން ކަމަށް ޒޭބާ ވިދާޅުވި އެވެ. 

ޒޭބާ ވިދާޅުވީ އެކަމާ ގުޅިގެން ތައްޔާރު ކުރަމުން އަންނަ ޕްރޮޓޮކޯލްތައް ވެސް އަދި ނުނިމޭ ކަމަށެވެ. އެކަމަކު، އޭގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ޕްލޭންތަކާއި ގައިޑްލައިންތައް ހެދުމުގެ މަސައްކަތް ވެސް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޒޭބާ ވިދާޅުވި ގޮތުގައި، ހޮސްޕިޓަލުގެ ޓީމުން ގޭގެ އަށް ގޮސް ބަލާނެ ވަކި މުއްދަތެއް ވެސް ޕްލޭންތަކުގައި ހިމެނޭނެ އެވެ. އަދި ގޭގެ އަށް ޒިޔާރާތް ކުރާނެ ނަރުހުންގެ ޓީމު ތަމްރީނު ކުރުމުގެ މަސައްކަތް މި މަހު ފެށޭނެ ކަމަށް ޒޭބާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ހިދުމަތުގައި ބައިވެރިވުމަށް ނާސިން ޕޫލެއް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު ބޮޑަށް ހަރަކާތްތެރިވާނީ އޯޕީޑީގައި އުޅޭ ނަރުހުންނެވެ. 

"މިއީ އާންމުންނަށް ރިކުއެސްޓް ކޮށްގެން ހޯދޭނެ ސާވިސްއެއް ނޫން. ހަމައެކަނި މިކޮޅުގައި އެޑްމިޓް ވެފައި އަޅުގަނޑުމެން ޑިސްޗާޖު ކުރުމުން، ވަކި މުއްދަތަކަށް ކަންތައްތައް ބަލަންޖެހޭ ބަލި މީހެއް ވިއްޔާ އަޅުގަނޑުމެންގެ ރަޖިސްޓްރީން އެކަން ފާހަގަކޮށްގެން އެ ވިޒިޓްތަކޭ އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" އޭނާ ވިދާޅުވި އެވެ.

ޒޭބާ ވިދާޅުވި ގޮތުގައި މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ ރޯދަ މަސް ނިމުމުން އެ ހިދުމަތް ފެށުމަށެވެ. އަދި އަންނަ މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް ކުރީކޮޅު ހިދުމަތް ފެށޭނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ. 

އެހެންވެ، އެ ހިދުމަތަށް ބޭނުންވާ ދަތުރުތައް ކުރުމަށް ސައިކަލު ހޯދުމަށް ވެސް މި ފަހުން އައިޖީއެމްއެޗުން ވަނީ އިއުލާނުކޮށްފަ އެވެ. 

މި ހިދުމަތް މާލެ އާއި ހުޅުމާލޭގައި ތިބޭ ބަލި މީހުންނަށް ވެސް ފޯރުކޮށްދޭނެ އެވެ.