ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ރާއްޖެ ގެނެސް ހއ. ދިއްދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. 

އާބާދީގައި 3،000 އަށް ވުރެ ގިނަ މީހުން ހިމެނޭ ދިއްދޫގައި އެއާޕޯޓެއް އަޅައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން އެ ރަށު ބިން ހިއްކުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.  

ދިއްދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މަޝްރޫއު ފައްޓަވައިދެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ.

ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ތެރެއިން --
ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ތެރެއިން --

މިނިސްޓަރުގެ އަރިހުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ބައިވެރިވެވަޑައިގަތެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ "ލީވް އެރިކްސަން" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށް އެމްއޭސީއެލުން ބުންޏެވެ. 

ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ތެރެއިން --
ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ތެރެއިން --

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގައި އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ.

ރައީސް ވަނީ ކެމްޕެއިން ތެރޭގައި ދިއްދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން އެމަނިކުފާނު ވީ ވައުދާ އެއްގޮތަށް އެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީން އެ ރަށަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި ވެސް ދެއްވައިފަ އެވެ. އަދި މި ދައުރުގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.