އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ ޒިންމާއާ ވެސް އެކު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް ހަންގޭރީގެ އިސްތަވާން އުރްބާނީ ހަމަޖައްސައިފި އެވެ.
މިއީ ހަންގޭރީގެ ތަޖުރިބާކާރު ރާއްޖޭގެ ކޯޗުކަމާ ހަވާލުވާ ތިންވަނަ ފަހަރެވެ.
އުރުބާނީ ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކޮށް ދީފަ އެވެ. އޭނާގެ ފުރަތަމަ ފަހަރު 2009 ގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ ގެންގޮސްދިނެވެ. އެ ފަހަރު ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވީ އިންޑިއާގެ 23 އަހަރުންދަށުގެ ޓީމު އަތުންނެވެ.
އުރުބާނީގެ ކޯޗުކަމުގެދަށުން ކުޅުނު ބައެއް ކުޅުންތެރިން ބުނާ ގޮތުގައި އޭނާ ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ގޭމް ޒަމާނީ ސިސްޓަމަކަށް ބަދަލު ކުރަން މަސައްކަތް ކުރި ކޯޗެކެވެ.
ލަންކާގައި 2012 ގައި ބޭއްވި 23 އަހަރުންދަށުގެ އިންވިޓޭޝަނަލް މުބާރާތް ރާއްޖޭން ކާމިޔާބު ކުރީ އުރުބާނީގެ ކޯޗުކަމުގެ ދަށުންނެވެ.
އެފްއޭއެމްގެ އެކްސްކޯއިން މިއަދު ވަނީ އުރުބާނީ އަށް، އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާ ގައުމީ ޓީމުގެ ކޯޗުކަން ހަވާލުކުރުމަށް ނިންމައިފަ އެވެ.
އުރުބާނީގެ ކޯޗުކަމުގެދަށުން އެފްއޭއެމްގެ މިހާރުގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އާއި އެކްސްކޯގެ ދެ މެންބަރު ކަމަށްވާ އިމްރާން މުހައްމަދާއި މުހައްމަދު އުމޭރު ވަނީ ކުޅެފަ އެވެ.
އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕަށް "މިހާރު" އިން ގެނެސްދިން ކަވަރޭޖަށް ދިން އިންޓަވިއުގައި ޓޮމް ވަނީ އުރުބާނީގެ ޓެކްނިކަލް މަސައްކަތްތަކަށް ތައުރީފުކޮށްފަ އެވެ. ޖުލައި 2023 ގައި ދެއްވި އިންޓަވިއުގައި އޭނާ އޭރު ވިދާޅުވީ ދަނޑުމަތީގައި ރީތި ގޭމެއް ކުޅުވަން މަސައްކަތް ކުރުމާ އެކު ދަނޑު ބޭރުގައި ވެސް ކުޅުންތެރިންގެ ޑިސިޕްލިން އަށް ވެސް އުރްބާނީ ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގެ އެންމެ އިސްވެރިޔާގެ މަގާމާއި ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވާން އުރުބާނީ ރާއްޖެ އަންނާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރީ އެމެރިކާގަ އެވެ.
ވިކްޓަރީގެ މިހާރުގެ ކޯޗު ޖޯޖިއޮލީ ގެރީއަކީ އުރުބާނީގެ ގާތް އެކުވެރިއެކެވެ.
ވިކްޓަރީގެ ނައިބު ރައީސް އިބްރާހިމް ނަޒީމް އޮކްޓޯބަރު މަހު ވިދާޅުވީ، އެ ކްލަބްގެ މިހާރުގެ މެނޭޖްމެންޓުން ޓީމުގެ ހިންގުމާ ހަވާލުވެ ކޯޗުކަމަށް އުރްބާނީ ގެންނަން މަސައްކަތް ކުރި ކަމަށެވެ.
އެކަމަކު އުރްބާނީ އަށް އޭރު އާދެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ވިކްޓަރީގެ ޓެކްނިކަލް މަސައްކަތްތަކަށް އުރްބާނީގެ އެހީ ލިބޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ވިކްޓަރީގެ މިހާރުގެ އެކްސްކޯ އިފްތިތާހުކުރަން ބޭއްވި ހަފުލާގައި ނަޒީމު ވިދާޅުވެފައި ވެއެވެ.
އެ ހަފުލާގައި ވިކްޓަރީގެ ކޯޗުގެ ގޮތުގައި ގެރީ ވެސް ތައާރަފު ކުރި އެވެ. ވިކްޓަރީގެ ފުރުސަތު އޭނާ އަށް ފަހިކޮށްދިނީ އުރުބާނީ ކަމަށް ސްލޮވާކިއާގެ އިތުރުން ހަންގޭރީ އަށް ވެސް ނިސްބަތްވާ ގެރީ އެ ހަފުލާގައި ބުންޏެވެ
ވިކްޓަރީގެ ކޯޗުކަމަށް ގެރީ ހަމަޖައްސަން ލަފާ ދިނީ ވެސް އުރުބާނީ ކަމަށް ވިކްޓަރީގެ އޮފިޝަލަކު ކުރިން "މިހާރު" އަށް ބުންޏެވެ.