ކްރިމިނަލް ކޯޓަށް އާ އިމާރާތެއް ލިބުމަކީ އެ ކޯޓުގެ މަސައްކަތްތައް މީގެކުރިން ދުވަހަކު ވެސް އަވަސް ނުވާ މިންވަރަށް އަވަސްވެގެން ދިޔަ ކަމެއް ކަމަށް އެ ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ. 

އެ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް އާއްމުކުރި ކަރުދާހުގައި އިސް ގާޒީ ވިދާޅުވީ 2025 ވަނަ އަހަރަކީ ޖާގައިގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ކްރިމިނަލް ކޯޓަށް ތަސައްލީއެއް ލިބުނު އަހަރެއް ކަމަށެވެ. 

މީގެ ދެ އަހަރު ކްރިމިނަލް ކޯޓުން ބޭނުން ކުރަމުންދިޔަ އިމާރާތުގެ ބޮޑު ބައެއް ބާވެ ހަލާކުވެ، އެ އިމާރާތް ބޭނުން ކުރުން ހުއްޓާލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އެންގި އެވެ. އެކަމުގެ ސަބަބުން ކޯޓުގެ މަސައްކަތްތަކާއި ޝަރީއަތް ކުރާ މާލަންތައް ބަހައިގެން މަސައްކަތް ކުރަމުންދިޔައީ، އިސްގާޒީ ވިދާޅުވި ގޮތުގައި ނުހަނު އުނދަގުލުގަ އެވެ. 

ކްރިމިނަލް ކޯޓުގެ ތާރީހުގައި ވެސް ނުދެކޭހައި އަވަސް މިނެއްގައި ކޯޓުގެ މަސައްކަތް ހިނގާ މަންޒަރާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތަކުގެ މައްސަލަތައް ނިމުމުގެ މަންޒަރު ތަފާސްހިސާބުތަކުން ފެނެ އެވެ.
އިސް ގާޒީ

އެ ހާލުގައި ދެ އަހަރާއި ބައި ހޭދަވިއިރު، އިސްގާޒީ ވިދާޅުވީ ކޯޓުގެ ބެކްލޮގް އިތުރުވެ މައްސަލަތައް ނިމުން ލަސްވެ، އާންމުންނާއި ދައުވާ ލިބޭ މީހުންގެ ޝަކުވާތައް ގިނަވި ކަމަށެވެ. އަދި އިމާރާތް ބޭނުން ކުރުން ހުއްޓާލަން އެންގުމުގެ ކުރިއަށް 2022 ވަނަ އަހަރު މައްސަލަތައް ނިމުނު އަދަދާއި 2023 ވަނަ އަހަރާ އަޅާ ބަލާއިރު، 55 ޕަސެންޓް ދަށްވި ކަން ގާޒީ ފާހަގަކުރެއްވި އެވެ. 

އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި ކޯޓުގެ ދުވެއްޔަށް ކުރިމަތިވި ލަސްކަން ހައްލުވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި 27ގައި ޖަސްޓިްސް ބިލްޑިން އެނެކްސް ހުޅުވި، އެ އިމާރާތަށް ކްރިމިނަލް ކޯޓުގެ މަސައްކަތް ބަދަލުވުމުންނެވެ.

ޖާގައިގެ ދަތިތައް ހައްލުވުމުން އޭގެ ނަތީޖާ ރަނގަޅު ކަން ތަފާސްހިސާބުތަކުން ދައްކާ ކަން ގާޒީ ފާހަގަކުރެއްވި އެވެ.

ކްރިމިނަލް ކޯޓު: ކުއްޖަކަށް ރައްކާތެރިކަން ދިނުމުގައި އިހުމާލުވުމުން 3 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކްރިމިނަލް ކޯޓު: ކުއްޖަކަށް ރައްކާތެރިކަން ދިނުމުގައި އިހުމާލުވުމުން 3 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ކްރިމިނަލް ކޯޓުގެ ތާރީހުގައި ވެސް ނުދެކޭހައި އަވަސް މިނެއްގައި ކޯޓުގެ މަސައްކަތް ހިނގާ މަންޒަރާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތަކުގެ މައްސަލަތައް ނިމުމުގެ މަންޒަރު ތަފާސްހިސާބުތަކުން ފެނެ އެވެ،" އިސްގާޒީ ވިދާޅުވި އެވެ. 

ކްރިމިނަލް ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކޯޓަށް 1،062 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅި އެވެ. މިދިޔަ އަހަރު ޖުމްލަ 1،380 މައްސަލައެއް ނިންމާފައިވެ އެވެ. އޭގެ ކުރިން 2024 އަހަރު ނިންމާފައިވަނީ 649 މައްސަލަ އެވެ. 

އާ އިމާރާތަށް ބަދަލުވުމުގެ ކުރިން 2025 ވަނަ އަހަރު އެވަރެޖްކޮށް މަހަކަށް ނިންމާފައިވާ މައްސަލައިގެ އަދަދަކީ 72 އެކެވެ. އާ އިމާރާތަށް ބަދަލުވުމަށް ފަހު އެވްރެޖުކޮށް މަހެއްގެ މައްޗަށް 175 މައްސަލަ ނިންމާފައިވާ ކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. 

ކްރިމިނަލް ކޯޓުން ބުނީ އެ ރޭޓުން މަސައްކަތް ކުރިއަށްދާ ނަމަ، މި އަހަރު ނިމޭއިރު ދެހާހަށް ވުރެ ގިނަ މައްސަލަތައް ނިމޭނެ ކަމަށެވެ.  މި އަހަރަކީ ކޯޓުގެ މަސައްކަތުގެ ދުވެލި ކޯޓުގެ ތާރީހުގައި ވެސް ނުދެކޭހައި ބާރުމިނުގައި ހުންނާނެ އަހަރެއް ކަމަށް ބެލެވޭއިރު ބެކްލޮގުގައި ހުރި މައްސަލަތައް މި އަހަރު ތެރޭގައި ނިންމޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ. 

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތަކުގެ މައްސަލަތައް ދިގުލައި ނުނިމި އޮތް އޮތުން 2026 ވަނަ އަހަރުގެ ތެރޭގައި ހައްލުވާނެ ކަމީ ނަންބަރުތަކުން ދައްކުވައިދޭ ހަގީގަތެކެވެ.
އިސް ގާޒީ

ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު އެންމެ ގިނަ މައްސަލަތައް ނިންމާފައިވަނީ ގާޒީ އަލީ ނަދީމެވެ. އެއީ 302 މައްސަލަ އެވެ. އެންމެ މަދުން މައްސަލަ ނިންމާފައިވަނީ، މި ފަހުން ގާޒީ ކަމުން ވަކިކުރި ހުސެއިން ފާއިޒު ރަޝީދެވެ. އެއީ 56 މައްސަލައެކެވެ. 

އެހެން ގާޒީން އެވްރެޖްކޮށް 113 މައްސަލަ ނިންމާފައިވެ އެވެ. 

ކޯޓުން މިދިޔަ އަހަރު ކުރި ހުކުމްތަކަށް ބަލާއިރު، ތިން މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވާފައިވެ އެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި 62 މީހުން ޖަލަށް ލާން ހުކުމްކޮށްފައިވެ އެވެ. 

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި 11 މީހުން ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ.

މިދިޔަ އަހަރު ފެށުނުއިރު، ޝަރީއަތް ނިމެންދެން ބަންދުގައި 272 މީހުން ތިބިއިރު، އަހަރު ނިމުނުއިރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ 128 މީހުންނެވެ. މީގެ ތެރޭގައި ވެސް އެންމެ ގިނައީ ގާޒީ ކަމުން ވަކިކުރި ފާއިޒްގެ ބެއްލެވި މައްސަލަތަކުގައި ހިމެނޭ މީހުންނެވެ. އެއީ 25 މީހުންނެވެ. 

ކޯޓުން ބުނި ގޮތުގައި، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ މައްސަލަތައް މި އަހަރު ތެރޭ ނިމުމަކީ އުއްމީދީ އަންދާޒާކެވެ. 

"ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތަކުގެ މައްސަލަތައް ދިގުލައި ނުނިމި އޮތް އޮތުން 2026 ވަނަ އަހަރުގެ ތެރޭގައި ހައްލުވާނެ ކަމީ ނަންބަރުތަކުން ދައްކުވައިދޭ ހަގީގަތެކެވެ. 2026 ވަނަ އަހަރު ފެށުނުއިރު ބަންދުގައި ތިބި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް 2026 ވަނަ އަހަރު ނިމޭއިރު ބަންދުގައި ނުހުންނާނެ ކަމީ ކޯޓުގެ މަސައްކަތުގެ ދުވެއްޔާއި ކޯޓުގެ އަމާޒަށް ބަލާއިރު ހާސިލުވާނެ ލަނޑުދަނޑިއެއް ކަމާ މެދު ޝައްކެއް ނެތެވެ." ކޯޓުން ބުންޏެވެ.