ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އިސްލާހު ބަލައިގަތުމަށް 46 މެންބަރުން ވޯޓު ދެއްވި އެވެ. އިސްލާހާ ދެކޮޅަށް ފަސް މެންބަރަކު ވޯޓު ދެއްވިއިރު، އެއީ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި އެމްޑީޕީގެ މެންބަރުންނެވެ.
މަޖިލީހަށް ބިލު ބަލައިގަނެ، ކޮމިޓީގެ މަސައްކަތް ފެށުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ. އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން ތާވަލުކޮށްފައި ވެ އެވެ.
ގާނޫނުއަސާސީ އަށް ބޮޑު ބަދަލެއް ގެންނަ މި އިސްލާހަށް މިއަދު ބަހުސް ކުރައްވާފައިވަނީ ވެސް މަދު މެންބަރުންނެވެ. ޕީއެންސީގެ މެންބަރުން ބިލާ އެއްކޮޅަށް ވާހަކަ ދެއްކިއިރު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލާ ދެކޮޅު ހާމަކުރައްވައިފަ އެވެ. އަދި ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ، އެ މެންބަރުން ފާޑިވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ ވަނީ ދެ އިންތިހާބު އެއްކޮށްލުމާ މެދު އިހުތިޖާޖު ކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމާ އެކު، އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެނަ ވޯޓު ނަގަން ސަރުކާރުން ބޭނުންވަނީ އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާ އެކު ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.
އެއީ ރިފަރެންޑަމް ވޯޓު ވަކިން ނަގައިފި ނަމަ ވަރަށް ބޮޑު ހަރަދެއް ހިނގާނެތީ އަޅަން ނިންމި ފިޔަވަޅެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ފަލާހު ހުށަހެޅުއްވި ބިލުގައިވަނީ އެ ބިލުގެ ބޭނުމަކީ މަޖިލީހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށާއި ރައީސް ހޮވުމަށް ބާއްވާ އިންތިހާބު އެއްކޮށް ބޭއްވުމަށް ކަނޑައެޅުން ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިސްލާހުކޮށް، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް އެ ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވެ އެވެ.
އެ ބިލުގައިވާ ގޮތުން، މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގަ އެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައިވެ އެވެ.
ބިލުގައި ބަަޔާންކޮށްފައިވާ ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028 އަށެވެ. އެހެންވެ، އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާއެކު، މަޖިލިސް އިންތިހާބު ވެސް ބާއްވަން ވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލައި، ދެ އިންތިހާބު އެކުގައި ބާއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކި ފަހަރުމަތިން ވިދާޅުވެފައިވެ އެވެ. އެކަން ކުރައްވަނީ ދެ އިންތިހާބަށް ދައުލަތުން ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ފަލާހު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ.
ދެ އިންތިހާބު އެއްކޮށްލަން އެމްޑީޕީން ދެކޮޅު ކަމަށް ޣަފޫރު ވިދާޅުވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އެ ބަދަލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެ ބަދަލަށް ދެކޮޅު ހައްދަވައިފަ އެވެ.