ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ފަރުވާ ހޯދަންދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައި ހައްޔަރުކުރި މީހާ އިތުރު 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު 4 ގަ އެވެ.
އެ މައްސަލާގައި ނޮވެމްބަރު 20 ގައި ހައްޔަރުކުރީ އައްޑޫ ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހު، 51، އެވެ. އޭނާއަކީ ޕިއާ މެންޓާއަކަށް މަސައްކަތް ކުރަމުން އައި މީހެކެވެ.
ފަސީހުގެ ބަންދަށް އެންމެ ފުރަތަމަ ދިން 15 ދުވަސް ހަމަވެގެން، ޑިސެމްބަރު 6 ވަނަ ދުވަހު ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދުކުރި އެވެ. އެކަމަކު އެ މުއްދަތު ހަމަވެގެން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަަން އަމުރުކުރި އެވެ.
އެނގިފައިވާ ގޮތުގައި ފަސީހަކީ މަސްތުން ސަލާމަތްވުމަށް ފަރުވާ ހޯދައި އެކަމުން ސަލާމަތްވުމަށް ފަހު ރިކަވަރީގައި ހުރި މީހެކެވެ. ފަސީހުގެ ވަޒީފާގެ ޒިންމާއަކަށް ހެދީ ފަރުވާ ހޯދާ މީހުން ރަނގަޅު ކުރުމަށް މޯޓިވޭޓް ކުރުމެވެ.
އެކަމަކު އެންޑީއޭގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ކުރިން "މިހާރު" އަށް ބުނެފައިވާ ގޮތުގައި ސިޔާސީ ގޮތުން އޮތް ބާރުވެރިކަމުގެ ފައިދާ ނަގައި އޭނާ ދިޔައީ އެ ތަނަށް ފަރުވާއަށްދާ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ފެންމަތިވެފައިވާ ގޮތުގައި ޖިންސީ ގޯނާކޮށް އެ މީހުންގެ ބަރަހަނާ މަންޒަރު ވީޑިއޯކުރާކަމަށް އޭނާއަށް ތުހުމަތުކޮށްފައިވެ އެވެ.