ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ރައީސަކަށް ކުރީގެ އެގްރިކަލްޗަރު މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

އެޗްއާރްސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރުމާ މެދު މަޖިލީހުގެ ރުހުން އޮތްތޯ ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްެރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު، އެކަން ދިރާސާކުރަން ފޮނުއްވީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ.

އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދަށް ތާވަލު ކޮށްފައިވާއިރު، ރަމީލާ އަށް ރުހުން ދިނުމާ މެދު މިއަދު އެ ކޮމިޓީން ގޮތެއް ނިންމާނެ ކަަމަށް ބެލެވެ އެވެ.

ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރަކު އަދާކުރައްވައިފަ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާ އިން ޕީއެޗްޑީ ހާސިލުކުރައްވައިފަ އެވެ.

މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަރު މިނިސްޓަރުކަން ކުރެއްވި ރަމީލާ ޑިސެމްބަރު 2024 ގައި އެ މަގާމުން އިސްތިއުފާދެއްވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދެއްވުމަށެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ ކޮމިޝަންގެ މެންބަރުކަމަށް ރަމީލާ އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު ތިނެއްގަ އެވެ.