ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އާ އަހަރު ވެސް މާޒިޔާ ވަރުގަދަކޮށް ފަށައިފި އެވެ.
މޮޅާ އެކު މާޒިޔާއިން ވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ، ފޯމުގައި ދަމަހައްޓައިފަ އެވެ. މާޒިޔާގެ ފަހަތުގައި އޮތް އޮޑި ސްޕޯޓްސް އަށް ވުރެ އިތުރަށް މެޗެއް ކުޅެ މާޒިޔާ އަށް މި ވަގުތު އެއްވަނައިގައި ނުވަ ޕޮއިންޓްގެ ބޮޑު ލީޑެއް އެބައޮތެވެ.
މިއަދުގެ މެޗަކީ މިދިޔަ ބުރާސްފަތި ދުވަހު ފެށި އާ އަހަރުގައި ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. މާޒިޔާ ދަމަހައްޓަމުންދާ ޓްރެކަކީ ބޮޑު ރެކޯޑެކެވެ. ލީގުގެ މެޗަކުން ބަލިނުވެ މާޒިޔާއިން ދަމަހައްޓަމުންދާ ރޭސް ހަތަރުވަނަ އަހަރަކާ މި ކުރިމަތިލީ އެވެ. އެ ޓީމު އެންމެ ފަހުން ލީގުގެ މެޗަކުން ބަލިވީ އޭޕްރީލް 2022 ގައި ކްލަބް އީގަލްސް އަތުން، 1-0 ންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ލަނޑުތައް ޖެހީ ހަމްޒާ މުހައްމަދު (ހަމްޕް) އާއި ނާއިޒު ހަސަން (ދާދު) އެވެ.
މާޒިޔާ އަށް ލީޑް ނަގައި ދިނީ 30 ވަނަ މިނެޓްގައި ހަމްޒާ އެވެ. އެ ލަނޑަކީ ޔޫވީގެ ކީޕަރު އަލީ އަދިލް މުސްތޮފާ އަލީ އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ހަމްޒާ ޖެހި ލަނޑެކެވެ.
ޔޫވީގެ އޭރިއާގެ ބޭރުން އެ ޓީމުގެ ޑިފެންޑަރު ދިން ބެކް ޕާސް، މިސްރުގެ ކީޕަރު އާދިލް މުސްތޮފާ ކޮންޓްރޯލްކޮށް ފޮނުވާލަން އުޅުމުން، އެ ބޯޅަ އަށް ހަމްޒާ ވިއްދި އެވެ. ކީޕަރު މުސްތޮފާ އަށް ރަނގަޅަށް ބޯޅަ ފޮނުވާ ނުލެވި، ހަމްޒާގެ ފައިގައި ޖެހިފައި ބޯޅައިގެ ކޮންޓްރޯލް ކީޕަރަށް ގެއްލުނެވެ. ހަމްޒާ ވަނީ އެ ބޯޅަ ވައިގެ ތެރޭގައި އޮތްވައި ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.
ކީޕަރު މުސްތޮފާ އަށް ހެދުނު ފީކަޅާ ގޯހާ އެކު، ގޯލްގެ ފަހަތުން އިސްތިހާރު ބޯޑް މަތީގައި ބޯޖަހާލައިގެން ވެސް އޭނާ ހިނދުކޮޅަކު އޮތެވެ.
މާޒިޔާ އަށް އިތުރު ލަނޑެއް ޖެހުނީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ލަނޑު ނާއިޒު ޖެހީ ކޯނަރަކުން ތަނަވަސްވި ބޯޅައިންނެވެ.
މެޗުގެ 82 ވަނަ މިނެޓްގައި މާޒިޔާ އަށް ލިބުނު ކޯނަރު އިބްރާހިމް އައިސަމް (ޓޯނީ) ނެގުމުން، ޔޫވީގެ ގޯލް ކުރިމައްޗަށް ހުރަސްވި ބޯޅަ މާޒިޔާގެ ޑިފެންޑަރު ލުއިސް ޕައޮލޯ ރޮޗާ އަލްމޭޑާ، ބޮލުން ޖެހި ބޯޅަ ހުރަސްވީ ގޯލް ކުރިމައްޗަށެވެ. ގޯލްގެ ރޮނގުމަތީގައި ހުރެފައި ނާއިޒު ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިފަ އެވެ. ނާއިޒު އެ ބޯޅައިގައި ބޮލުން ނުޖެހި ނަމަވެސް އެ ބޯޅަ ގޮސް ގޯލްގެ ތެރެއަށް ވަންނާނެ އެވެ.
މެޗުގައި ޔޫވީ އަށް ސުންކަނޑުވާލަ ދިން ލަނޑު އެ ޓީމަށް ޖަހައި ދިނީ މެޗުގެ އިތުރު ވަގަުތުގެ ފަސްވަނަ މިނެޓްގައި، މިސްރުގެ މުހައްމަދު ސާމިރު މުހައްމަދު މުސްލިހް ސާދެވެ.