އާ އަހަރު ފެށުން ފާހަގަކުރަން މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ޑްރޯން ޝޯ އަށް އެއް ލައްކަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ހޭދަވިކަން އެނގިއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި 2026 ވަނަ އަހަރު ފެށުން ފާހަގަކުރުމަށް 15 މިނިޓުގެ ޑްރޯން ޝޯ އަށް 600 އެއްހާ ޑްރޯން ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޕައިރޯ ޑްރޯންގެ ގޮތުގައި 75 ޑްރޯން ބޭނުންކޮށްފައިވެ އެވެ.
އާންމުކޮށް ބޭނުންކުރާ ޑްރޯން އާއި ޕައިރޯޑްރޯންގެ ތަފާތަކީ އެ ޑްރޯންތަކުން ހަވާގެ ކުޅިވަރުތައް ވެސް ފެނުމެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޑްރޯން ޝޯގައި ދައްކުވައިދިނީ، ރާއްޖޭގެ ރަށެއްގައި އުޅޭ ކުއްޖަކު ބޮޑުވަމުން އައި އިރު އޭނާއަށް ފެނުނު ތަރައްގީގެ މަންޒަރުތަކެވެ.
ވިޒިޓް މޯލްޑިވްސް އިން މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ ނަމުގައި އާ އަހަރު ފެށުން ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތައް ބޭއްވީ ބީއެމްއެލް އާއި އެޗްޑީސީއާ ވެސް ގުޅިގެންނެވެ.
އާ އަހަރު ފެށުން ފާހަގަކުރުމަށް ތިން ދުވަހަށް ހަރަކާތްތައް ބޭއްވިއިރު ފުޑް ސްޓޯލްތަކާއި ސްޓޭޖު ޝޯގެ ހަރަކާތްތަކުގެ އިތުރުން ހަވާ ވެސް އެރުވި އެވެ.
އާ އަހަރު ފެށުން ފާހަގަކުރި ރޭ އެ ސަރަހައްދުގައި އެތައް ސަތޭކަ ބަޔަކު ހަވާގެ ކުޅިވަރުތައް ބެލުމަށް ޖަމާވި އެވެ.