ހުކުރު ހުތުބާ ލިޔާނެ މައުޟޫއުތައް ހޯދަން އާންމުންގެ ހިޔާލަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ކުރު ހުތުބާ ލިޔާ މައުޟޫއުތަކާ މެދު ރައްޔިތުންގެ ހިޔާލު ބޭނުންވާ ކަމަށެވެ.
އެހެންވެ، މި ފެށުނު އާ އަހަރުގައި ހުތުބާ ލިޔުމަށް އާންމުން މައުޟޫއު ހުށަހަޅަން އެ މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ. ފޭސްބުކްގެ ޕޯސްޓަށް ކޮމެންޓްކޮށްގެން ހިޔާލުތައް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ކުރި އެ ޕޯސްޓަށް ގިނަ އަދަދެއްގެ މީހުން ވަނީ ކޮމެންޓް ކޮށްފަ އެވެ. އެގޮތުން މިހާތަނަށް 500 އަށްވުރެ ގިނަ މީހުން އެކިއެކި މައުޟޫއުތަކުގެ ހިޔާލުތައް ވަނީ ހުށަހަޅައިފަ އެވެ.
ކޮމެންޓް ކުރުމާ އެކު، ކޮމެންޓްތަކުގައިވާ ރަނގަޅު މައުޟޫއުއަށް ލައިކް ދިނުމަށް ވެސް މިނިސްޓްރީން އެދިފައިވާއިރު ބައެއް މައުޟޫއުތަކަށް ގިނަ އަދަދެއްގެ ލައިކްސް ވެސް ލިބިފައިވެ އެވެ.