ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހޭލުންތެރި ކުރަން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) އިސްލާމިކް މިނިސްޓްރީގެ ވާއިޒް މުޝާރިކްގެ މަގާމަށް އައްޔަނުކޮށްފި އެވެ.

ވާއިޒް މުޝާރިކުންނަކީ އިސްލާމީ ވަހުދަތު ހިފެހެއްޓުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އައްޔަންކުރާ ބޭފުޅުންނަށް ކިޔާ ނަމެކެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެރްޓަރީ އަހުމަދު އަދީލް ވިދާޅުވީ ޝައިހް އެ މަގާމަށް ހަމަޖައްސަފާއި ވަނީ އިއްޔެ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް، ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) އާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: މިނިސްޓްރީ
އިސްލާމިކް މިނިސްޓަރު ޝަހީމް، ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) އާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: މިނިސްޓްރީ

ވާއިޒް މުޝާރިކްގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ވެސް ޝައިހް މުހައްމަދު އިބްރާހިމަކީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެންނާއި އަމިއްލަ ގޮތުން ވެސް ދީނީ ކަންކަން ކުރެއްވި ބޭފުޅެކެވެ.

"ޝައިހް އިއްޔެއާ ހަމައަށް ވެސް ހުންނެވީ މަދަރުސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރަކަށް. ލޮލުގެ ފެނުން ގެއްލި މިދިޔަ ހަތަރު އަހަރު ހުންނެވީ ނޯޕޭގައި. އެހެންވެ އެ ބޭފުޅާ އެއްވެސް އާމްދަނީއެއް ނުލިބި މިހާ ދުވަހު ހުންނަވާތީ މި މިނިސްޓްރީން އިސްނަގައިގެން ސިވިލް ސާވިސް ކޮމިޝަންގައި އެދުނީ ގާނޫނާއި ގަވައިދުގެ ތެރެއިން އެ ބޭފުޅާގެ ވަޒީފާ ބަދަލުކޮށްދިނުމަށް،" އަދީލް ވިދާޅުވި އެވެ.

އެފަދަ މަގާމެއް ޝައިހަށް ދޭން މިނިސްޓްރީން ނިންމީ، ލޮލުގެ ފެނުން ގެއްލުނު ފަހުން ވެސް ދީނީ ތަފާތު މަސައްކަތްތަކުގައި އުޅުއްވުމާއި އެފަދަ ހިދުމަތްތެރި ބޭފުޅެއްގެ ބޭނުން ނުހިފައި ބަހައްޓަން ބޭނުން ނުވުމުން ކަމަށް ވެސް އަދީލް ވިދާޅުވި އެވެ.

އެ މަގާމުގައި ހުންނަވައި މިނިސްޓްރީން ކުރިއަށް ގެންދާ އެކިއެކި ދީނީ ޕްރޮގްރާމްތަކުގައި ޝައިހް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޝައިހް މުހައްމަދު އިބްރާހިމް މިއަދު އިސްލާމިކް މިނިސްޓްރީގައި.--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝައިހް މުހައްމަދު އިބްރާހިމް މިއަދު އިސްލާމިކް މިނިސްޓްރީގައި.--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޝައިހް މުހައްމަދު އިބްރާހިމް އާލާސްކަންފުޅާ އުޅުއްވާތާ ދެތިން އަހަރު ވެފައިވާއިރު، ދެ ލޮލުގެ ފެނުން ގެއްލި އެހެނިހެން ސިއްހީ މައްސަލަތަކާ ހެދި މަސައްކަތް ނުކުރައްވާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. ޑޮކްޓަރުންގެ ލަފަޔާ އެކު ޝައިހް ވަނީ 2019 ގައި އަދި 2023 ގައި ވެސް ލޮލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެކަމަކު، އެއްވެސް ކުރިއެރުމެއް ނުލިބި ދެ ލޮލުގެ ފެނުން އެއްކޮށް ގެއްލުނީ އެވެ.

ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން ވެސް ބައެއް އެހެން ސިއްހީ މައްސަލަތައް ޝައިހަށް ވަނީ ކުރިމަތި ވެފަ އެވެ. އޭގެ ތެރޭގައި ހަށިގަނޑުގައި ޓިއުމަރެއް އުފެދުމާއި ހިތުގެ މައްސަލަ ހިމެނެ އެވެ.

އެހީ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި، ޝައިހް ހަރަދު ކުރައްވަން ޖެހޭ ދަރިފުޅަކު ހުރިއިރު، ޝައިހަށް ލިބިވަޑައިގަންނަވަނީ ހަމައެކަނި ސަރުކާރުން ދޭ ނުކުޅެދޭ މީހުންގެ އެލަވަންސެވެ. ދެން އެހީތެރިވަނީ އާއިލާ އާއި ހެޔޮއެދޭ މީހުންނެވެ.

ވަޒީފާ ގެއްލި، ބޭސްފަރުވާ ކުރާނެ ގޮތެއްވެސް ނެތި ލަސްވެފައި ވަނިކޮށް ބޭސްފަރުވާގެ ކަންކަން ދިވެހިންގެ އެހީގައި ހަމަޖައްސައިދިނީ އެހީ ޖަމިއްޔާއިންނެވެ. އެ އެހީގައި ޝައިހް މިހާރު ތައްޔާރުވަމުން އަންނަނީ ލޮލުގެ ފަރުވާއަށް ބޭރަށް ފުރާވަޑައިގަތުމަށެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް، ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ)އާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: މިނިސްޓްރީ
އިސްލާމިކް މިނިސްޓަރު ޝަހީމް، ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ)އާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: މިނިސްޓްރީ

ގިނަ އަދަދެއްގެ ދީނީ ފޮތްތަކެއް ވެސް ލިޔުއްވި ޝައިހުގެ ދެ ލޮލުގެ ފެނުން ގެއްލުމުން އެ ހުރިހާ ކަމެއް ހުއްޓި އާމްދަނީ ލިބޭނެ ގޮތެއް ވެސް ނެތް ކަަމަށް އެހީ ޖަމިއްޔާ އިން ބުންޏެވެ.

މަދީނާ އިން ކިޔަވައި ވިދާޅުވެފައިވާ ޝައިހް މުހައްމަދު އިބްރާހިމް ވަނީ އެކި ދާއިރާތަކުން ފޮތްތައް ލިޔުއްވައިފަ އެވެ. އޭނާގެ ބައެއް ފޮތްތަކުގެ ތެރޭގައި ހިސްނުލް މުސްލިމް، ކިތާބުއްސިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުހީދުގެ ހުލަސާ، ކިތާބުއް ސަލާތު ހިމެނެ އެވެ.