ޒަކާތު ހައުސް އިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ އެކު، މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިިކުރީ އިސްލާމިކް މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޒަކާތު ހައުސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު އެވެ.
ޝަހީމް ވިދާޅުވީ އެއީ ވަރަށް ތާރީހީ އެއްބަސްވުމެއް ކަމަށާއި މީރާއިން މިދިޔަ ތަނުގައި ވެސް ޒަކާތް ނެގުމުގެ މަސައްކަތް ކުރީ ވަރަށް ހަރުދަނާ ގޮތެއްގައި ކަމަށެވެ. ޒަކާތުގެ ގާނޫނު ތަންފީޒު ވާއިރު، އެ މަސައްކަތް އެ ގޮތުގައި މީރާ އިން ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަކާތުގެ ކަންކަމާއި ސަދަގާތް އަދި ވަގުފުގެ ފައިސާ ނެގުމުގައި މީރާގެ ފަރާތުން މިނިސްޓްރީއަށް ދޭ އެއްބާރުލުމާއި އެހީތެރިކަމަށް އެ އިދާރާގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ޒަކާތުގެ ގާނޫނު ތަންފީޒު ވާއިރު، ޒަކާތު ކައުންސިލްގައި މީރާގެ ފަރާތުން ބޭފުޅަކު ހިމެނޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މީރާ އާއި މިނިސްޓްރީގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށެވެ.
މީރާގެ ކޮމިޝަނާ ޖެނެރަލް ވިދާޅުވީ ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައިވެރިއެެއްގެ ގޮތުގައި މީރާ ހިމެނިފައިވުމަކީ އެ އިދާރާއަށް ލިބޭ އުފަލެއް ކަމަށެވެ. އަދި އެ މަސައްކަތާ އެކު، މީރާއަށް މީހުން ކުރާ އިތުބާރު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.