ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު، ހެދުން އަޅަން ޖެހޭ ގޮތަށް ބަދަލެއް ގެނެސް، ފަލަމަސްގަނޑާ ހަމައަށް ހެދުން ބެހެއްޓުން ލާޒިމްކޮށް، ގަވާއިދު އިސްލާހުކޮށްފި އެވެ.
ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އަށް ގެނައި އެ ބަދަލުގައި ވަނީ ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުން ހެދުން އަޅަން ޖެހޭ ގޮތްތައް ވަކިވަކިން ފާހަގަކޮށްފަ އެވެ.
އާ ގަވާއިދުގައިވާ ގޮތުން ރަސްމީ މަސައްކަތަށް އަންހެން މުވައްޒަފުން ނުކުންނަ އިރު ލާން ޖެހޭނީ، ފޫކޮޅު ނިވާވެ، ދެ އިންޗި އަށް ވުރެ ކުރު ނޫން ހެދުމެކެވެ. އާއްމުންނަށް ހިދުމަތް ދޭން އޮފީހަށް ނުކުންނައިރު، އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ނުވަތަ ހަށިގަނޑު ނިވާ ނުވާ ގޮތަށް ހެދުން ނޭޅޭނެ ކަަމަށް އެ އިސްލާހުގައި ވެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިފަދަ ބަދަލެއް މި ގެނައީ، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް އިޖުތިމާއީ ގޮތުން ބަަލައިގަންނަ މިންގަނޑަށް ވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި ވަނިކޮށެވެ.
އެ ގަވާއިދުގައި ވަނީ ފިރިހެން މުވައްޒަފުން ވެސް ރަސްމީ މަސައްކަތަށް ނުކުންނަ އިރު ހެދުން ހުންނަން ޖެހޭ ގޮތް ސާފުކޮށް ބަޔާންކޮށްދީފަ އެވެ. ހެދުން އެޅުމުގައި އިޖުތިމާއީ މިންގަނޑަށް އަދި އޮފީސް މާހައުލާ ނުގުޅޭ ހެދުމާއި ޓައީ އަދި ބެލްޓު ފަދަ ތަކެތި ނޭޅޭނެ ކަމަށް ގަވައިދުގައިވެ އެވެ.
އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގައި ހިމެނޭ ކަންކަން:
• އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ލެވިދާނެ. އެ ހެދުން ހުންނަންވާނީ ފައިގެ ތަނބިކަށްޓަށް ވުރެ ކުރުނުވާ ގޮތަށާއި އަދި މި ހެދުމަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކުރެވިފައިވާ ހެދުމެއްކަމުގައި ވާން ވާނެ.
• ފަޓުލޫނު އަދި ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗެހިކަމުގައި ވުން.
• ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފު ނުވާގޮތަށް ކަރުވަޅު ނިވައިވާ ގޮތަށް. އަދި އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނީ އެ މީހެއްގެ ކޮނޑުހުޅާއި އުޅަބޮއްޓާއި ދެމެދަށް ވުރެ ކުރުނުވާ ގޮތަށް. އަތްދިގު ހެދުމެއް ނަމަ، ހެދުމުގެ އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށް ވުރެ ދިގުނުވާ ވަރަށް.
• ހެދުމުގެ މަތީބައި ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން ކުރިމަތިން ފުރަގަހުން އަދި ތިރިން ފަޅާފައި ހުންނަ ނަމަ ފަޅާފައި ހުންނަބައި ހުންނަން ވާނީ މައްޗަށް އަތް ދަމާލުމުން އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް. އެ ހެދުމުގެ ދިގު މިން ހުންނަން ވާނީ ބުޑުގެ ތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ހެދުން ކުރުނުވާ ވަރަށް.
• އޮފީހުގައި އުޅޭއިރު ނުވަތަ ރަސްމީ މަސައްކަތުގައި އުޅޭއިރު ތިބެންވާނީ އޮފީސް ބޫޓުގައި ނުވަތަ އޮފީހާ އެކަށީގެންވާ ފައިވާނުގައި.
ގަވާއިދުގައި ބުނީ ސަޕޯޓް ސާވިސް ގިންތީގައި ހިމެނޭ ވަކި ޔުނިފޯމެއް ނުވަތަ ހެދުމެއް ކަނޑައެޅިފައި ނުވާ މަގާމުތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ހެދުމަކީ އެ ބައިގައި ބަޔާންކުރެވިފައިވާ ޒާތުގެ ހެދުމާއި އެކަށީގެންވާ ބޫޓު ނުވަތަ އެކަށީގެންވާ ފައިވާނެއް ކަމަށެވެ.
އެ ގަވާއިދުގައި ވަނީ ގަހަނާ އެޅުމުގައި ނުވަތަ މޭކަޕްކުރުމުގައި ނުވަތަ ބޮލުގައި ކުލަޖެއްސުމުގައި އަމަލުކުރާނެ ގޮތްތައް ވެސް ހިމަނައިފަ އެވެ.
އޭގައި ބުނީ އޮފީހަށް ހާޒިރުވާން ވާނީ ސާފުތާހިރުކަންމަތީ މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި ޒީނަތްތެރިވުމުގެ ގޮތުން އަންހެނުން ގަހަނާ އެޅުމާއި މޭކަޕް ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ. އަދި އިސްތަށިގަނޑު ބަހައްޓަން ވާނީ ރީތިކޮށް ކަމަށާއި އެކަމަކު ކަޅު ފިޔަވައި ފާޅުކަން ބޮޑު ކުލަ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
ފިރިހެން މުވައްޒަފުން ހެދުން އެޅުމުގައި އަމަލުކުރަން ޖެހޭ ގޮތް
އާ ގަވާއިދުގައި ބުނީ ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ބޭނުން ކުރެވިދާނެ ކަމަށާއި އެކަަމަކު ގަމީހުގެ އަތް ހުންނަންވާނީ އަތް ދިގު ގަމީހެއް ނަމަ އަތުގެ ކުޑަހުޅާ ހަމައަށް ކަމަށާއި އަދި އަތްކުރު ގަމީހެއް ނަމަ އަތް ހުންނަން ވާނީ އަތުގެ އުޅަނބޮށްޓަށް ވުރެ ދެ އިންޗި ކުރުނުވާ ވަރަށް ކަމަށެވެ.
ފިރިހެން މުވައްޒަފުން ހެދުން އެޅުމުގައި ފަޓުލޫނުގެ ގޮތުގައި ބޭނުންކުރަން ވާނީ ދިގު ފަޓުލޫނެއް ކަމަށާއި އެއީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރު ކޮށްފައިވާ ފަޓުލޫނަކަށް ވާން ޖެހެ އެވެ.
އޮފީސް ގަމީހުގެ ގޮތުގައި ފަހާފައި ހުންނަ އަތްދިގު ބުސް ގަމީސް ފިޔަވައި އެހެން ގަމީސްތައް ދަށަށް ޖަހަން ވާނެ ކަމަށާއި ދަށަށް ޖަހައިފައި ހުންނައިރު ހުންނަން ވާނީ ގަމީސް ދަށަށް ޖަހައި، ބެގީކުރުމުން އަޅައިފައި ހުންނަ ކަމަރު އެއްކޮށް ނުފޮރުވޭ ވަރަށް ކަމަށް ގަވާއިދުގައިވެ އެވެ. އަދި އަޅައިފައި ހުންނަ ކަމަރަކީ ރަސްމީ ހެދުންތަކާ އެކު، ބޭނުންކުރަން އެކަށީގެންވާ ކަމަރަކަށް ވާން ވާނެ ކަމަށް އޭގައިވެ އެވެ.
އާ ގަވާއިދުގައި ބުނީ ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ބޭނުން ކުރެވިދާނެ ކަމަށާއި އެކަަމަކު ގަމީހުގެ އަތް ހުންނަންވާނީ އަތް ދިގު ގަމީހެއް ނަމަ އަތުގެ ކުޑަހުޅާ ހަމައަށް ކަމަށާއި އަދި އަތްކުރު ގަމީހެއް ނަމަ އަތް ހުންނަން ވާނީ އަތުގެ އުޅަނބޮށްޓަށް ވުރެ ދެ އިންޗި ކުރުނުވާ ވަރަށް ކަމަށެވެ.
ގަވާއިދުގައި ބުނީ ރަސްމީ ގަޑީގައި އަދި ރަސްމީ މަސައްކަތްތަކުގައި އަތްދިގު ގަމީހާއި އަތްކުރު ގަމީހާ އެކު ދަށަށް ޖަހައ،ި ޓައީ ބޭނުންކުރަން ވާނެ ކަމަށާއި ޓައީގައި އަހުލާގީ ގޮތުން އެކަށީގެން ނުވާ ފަދަ ބަސްތަކާއި މަންޒަރާއި ކުރެހުން އަދި ކާޓޫނު ނުވަތަ ފޮޓޯ ފަދަ އެހެން އެއްޗެއް ހުރެގެން ނުވާނެ ކަމަށެވެ.
ގަވާއިދުގައިވާ ގޮތުން ފިރިހެން މުވައްޒަފުންގެ ވެސް ސަޕޯޓް ސާވިސް ގިންތީގައި ހިމެނޭ ވަކި ޔުނިފޯމެއް ނުވަތަ ހެދުމެއް ކަނޑައެޅިފައި ނުވާ މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހެދުމަކީ ފަޓުލޫނާއި ގަމީހާއި ބޫޓެވެ. އަދި ފިރިހެން މުވައްޒަފުން އޮފީހަށް ހާޒިރުވާން ވާނީ ސާފުތާހިރުކަންމަތީ މުޖުތަމައުގެ އެންމެ އަހުލާގީ މިންގަނޑަށް ކަމަށާއި އެކަމަކު ފާޅުކަން ބޮޑު މޭކަޕެއް އަދި އަނގޮޓި ފިޔަވައި އެހެން ގަހަނާ ބޭނުންކުރުމަކީ ހުއްދަ ކަމެއް ނޫން ކަަމަށެވެ. އަދި އެއްވެސް ގުނަވަނެއްގައި ގަހަނާއަކަށްވާ އެއްޗެއް ލާފައި ހުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުންޏެެވެ.
ސިވިލް ސާވަންޓުން އޮފީހަށް ނުކުންނައިރު ހެދުން އަޅަންޖެހޭ މިންގަނޑުތައް ހިމަނައި 2010 ގައި އެކުލަވައިލި އުސޫލަށް އަމަލު ކުރުން އޮތީ ހުއްޓާލައިފަ އެވެ. އޭގެ ބަދަލުގައި މިހާރު އަމަލު ކުރަނީ 2014 ގައި އެކުލަވައިލި މިންގަނޑަށެވެ.
ހުޅުމާލޭ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ސިވިލް ސާވަންޓުން ހެދުން އެޅުމުގައި އަހްލާގީ މިންގަނޑަށް ވުރެ ދަށްވެފައިވާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ އެކަން ރަނގަޅުކުރުމަށް އަންގަވާފައިވާ ކަަމަށް ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ހެދުން އެޅުމާ ގުޅޭ ގޮތުން ކުރިން އޮތީ ވަރަށް ރަނގަޅު މިންގަނޑެއް ކަމަށްވާތީ އެ ގޮތަށް މިހާރުގެ ގަވާއިދަށް ބަދަލު ގެނައުމަށް ވަނީ ސީއެސްސީގައި ދަންނަވައިފަ އެވެ.